ENGLISH

06 ޖޫން 2026

Advertisement

ހަނދުގައި ދާއިމީ ބޭސްއެއް އެޅުމުގެ އައު ތަފްސީލުތައް ނާސާ އިން ހާމަކޮށްފި

27 މޭ 2026

|

އާމިނަތު ނުޒްލާ

ހަނދަށް ފޮނުވުމަށް ހަމަޖެހިފައިވާ ރޮބޮޓިކް އުޅަނދުތައް-- ފޮޓޯ: ނާސާ

އެމެރިކާގެ ފަޒާގެ އިދާރާކަމަށްވާ ނާސާ އިން ހަނދުގައި ދާއިމީ ބޭސްއެއް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހަނދަށް ފޮނުވުމަށް ހަމަޖެހިފައިވާ ރޮބޮޓިކް އުޅަނދުތަކާއި، ޑްރޯންތަކުގެ އިތުރުން ޚާއްސަ އުޅަނދުތަކުގެ ތަފްސީލުތައް ހާމަކޮށްފި އެވެ.

ނާސާ އިން މި ތަފްސީލުތައް ހާމަކޮށްފައިވަނީ ހަނދުގައި މީހުން ދިރިއުޅޭނެ މަރުކަޒެއް ގާއިމުކުރުމަށް، އެމީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މި މަޝްރޫއަށް ބޭނުންވާ މެޝިނަރީތައް އުފެއްދުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ "ބްލޫ އޮރިޖިން" ކުންފުނި ހިމެނެ އެވެ.

ނާސާގެ އަމާޒަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރު 2029 ވަނަ އަހަރު ނިމުމުގެ ކުރިން އަލުން އެމެރިކާގެ އެސްޓްރޮނޯޓުން ހަނދުގައި ބޭއްތިބުމެވެ. އެހެންނަމަވެސް، މި ދާއިރާގައި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، ޗައިނާ އިން ވެސް އަންނަނީ 2030 ވަނަ އަހަރުގެ ކުރިން އިންސާނުން ހަނދަށް ފޮނުވުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން، މޭ މަހުގެ 25 ވަނަ ދުވަހު ޗައިނާ އިން ވަނީ 'ޝެންޒޯ-23' އުޅަނދުގައި އެސްޓްރޮނޯޓުން އެގައުމުގެ 'ޓިއަންގޮންގް' ޖައްވީ ސްޓޭޝަނަށް ފޮނުވާފަ އެވެ.

ހަނދަށް ފޮނުވުމަށް ހަމަޖެހިފައިވާ ރޮބޮޓިކް އުޅަނދުތައް-- ފޮޓޯ: ނާސާ

ނާސާގެ 'އިގްނިޝަން މޫން ބޭސް' ޕްރޮގްރާމަކީ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމާޒަކީ 2032 ވަނަ އަހަރާ ހަމައަށް ހަނދުގެ ދެކުނު ތުރުގައި، ނިއުކްލިއާ އަދި ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ދާއިމީ ބޭހެއް ގާއިމުކުރުމެވެ. ނާސާގެ އެޑްމިނިސްޓްރޭޓަރު ޖެރެޑް އައިސެކްމަން ބުނި ގޮތުގައި، މި އައު ކުރިއެރުންތަކާއެކު އެމެރިކާ އިން "ދެން ދުވަހަކުވެސް ހަނދު ދޫކޮށްނުލާނެ" ކަން ވަނީ ކަށަވަރުވެފަ އެވެ.

ހަނދުގައި ބޭހެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ ސައިންޓިފިކް ތަހުލީލުތައް ކުރުމާއި، އަގުބޮޑު މައުދަންތައް ހޯދުމުގެ އިތުރުން، މާސްއަށް ކުރާ ދަތުރުތަކަށް ފަސޭހަ މަގެއް ހޯދުމެވެ.

ނަމަވެސް، ގިނަ ތަޖުރިބާކާރުން ދެކޭގޮތުގައި ނާސާގެ މި ތާވަލަކީ ހަގީގަތާ އެއްގޮތް ތާވަލެއް ނޫނެވެ. އޯޕަން ޔުނިވަރސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ސިމިއަން ބާބާ ވިދާޅުވީ، ހަނދަށް މީހުން ބޭލުމަށް ބޭނުންވާ އުޅަނދުތައް ތައްޔާރުކުރުމުގައި ނާސާއަށް ގޮންޖެހުންތަކެއް ހުރުމުން، އެމެރިކާގެ ކުރިން ޗައިނާ ހަނދަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް، އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ތައްޔާރުކުރާ 'ސްޓާޝިޕް' އުޅަނދު ނިންމުމުގައި ދިމާވަމުންދާ ލަސްތަކަކީ މީގެ ބޮޑު ސަބަބެއް ކަމަށްވެސް ބުނެފައިވެ އެވެ.

ނާސާގެ މި މަޝްރޫއު ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ މަރުހަލާގައި 2029 އާ ހަމައަށް ކުރިއަށްދާނީ ރޮބޮޓިކް ދިރާސާތަކެވެ. ދެވަނަ މަރުހަލާގައި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރާއިރު، 2032 ގައި ތިންވަނަ މަރުހަލާގައި އިންސާނުންނަށް ދިރިއުޅެވޭނެ ވަގުތީ ހިޔާވަހިކަން ހަނދުގައި ގާއިމުކުރުމަށް ވަނީ ރޭވިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު