ENGLISH

20 ޖޫން 2026

Advertisement

ޢަރަފާތު ހުތުބާ 35 ބަހަކުން ތަރުޖަމާކުރާނެ

26 މޭ 2026

|

އައިމިނަތު ޝަފާ

މިއަދު ނަމިރާ މިސްކިތުގައި އިއްވާ ޢަރަފާތު ދުވަހުގެ ހުތުބާ 35 ބަހަކުން ތަރުޖަމާކުރާނެކަމަށް ދެ ހަރަމުގެ ކަންކަން ބަލަހައްޓާ ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފި އެވެ.

މަސްޖިދުލް ޙަރަމް އަދި މަސްޖިދުއް ނަބަވީގެ ދީނީ ކަންކަމާ ބެހޭ އިދާރާގެ ފަރާތުން މިކަން އިއުލާނު ކުރެއްވީ އެ އިދާރާގެ ރައީސް ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އަލް-ސުދައިސް އެވެ. ޝައިޚް ސުދައިސް ވިދާޅުވީ ޢަރަފާތު ހުތުބާ ގިނަ ބަސްބަހުން ތަރުޖަމާކުރުމުގެ މަގުސަދަކީ އިސްލާމްދީނުގެ މެދުމިނުގެ ދައުވަތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެމީހުންގެ އަމިއްލަ ބަހުން ފޯރުކޮށްދިނުންކަމަށެވެ. 

ޢަރަފާތު ހުތުބާ އެންމެ ފުރިހަމައަށް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށްޓަކައި ކަމުގެ ތަޖުރިބާކާރު ފަންނީ ހާއްސަ ޓީމުތަކެއް އެކުލަވާލާފައިވެއެވެ. 

ހުތުބާ ދުރަށް ދެއްކުމަށް، މީސްމީޑިޔާ އާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިންމާފައިވާއިރު، ހުތުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެ ކަމަށާއި، އިންޓަނެޓާއި، މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުން ވެސް މި ހުތުބާ ބެލޭނެ ކަމަށް ޝައިޚް ސުދައިސް ވިދާޅުވި އެވެ.

ކީރިތި ރަސޫލާގެ ހައްޖަތުލްވަދާއުގެ ވަދާއީ ހުތުބާ ދެއްވި މާތް މަގާމުފުޅުގައި ގާއިމްކޮށްފައިވާ ނަމިރާ މިސްކިތުގައި މިއަހަރުގެ ހައްޖު ހުތުބާ ދެއްވާނީ މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީ އެވެ. 

ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި މަޑުކުރުމަށްޓަކައި 1.5 މިލިއަނަށްވުރެ ގިނަ ހައްޖާޖީން ރޭ ފަތިހުން ފެށިގެން އަރަފާތުގެ މާތް ބިމަށް ވަނީ ޖަމާވެފަ އެވެ. 

މިއަދު އިރު އޮއްސުމުގެ ކުރިން ކޮންމެ ހައްޖުވެރިއަކު ވެސް އަރަފާތުގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ހައްޖެއް ނުލިބޭނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު