ENGLISH
24 މޭ 2026
"ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިނގިރޭސި ސަޕޯޓަރުންނަށް ހިލޭ ބެލެން ވާނެ"
24 މޭ 2026
|
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ. ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
އިންގްލެންޑްގެ އާސެނަލް އާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ހިލޭ ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ، ޓީ.އެން.ޓީ ސްޕޯޓްސްއަށް ގޮވާލައްވައިފިއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިނގިރޭސިވިލާތުގައި ބެލޭނީ ހަމައެކަނި ސަބްސްކްރައިބަރުންނަށް ކަމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ބާރުއަޅުއްވައި، ބޮޑުވަޒީރު ސްޓާމަރ ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އާސެނަލްގެ ސަޕޯޓަރެއް ކަމަށްވާ، ސްޓާމަރ ވިދާޅުވީ، ވޭތުވެދިޔަ 34 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ސަޕޯޓަރުންނަށް މި މެޗު ހިލޭ ބަލައިނުލެވޭ ގޮތަށް ހަމަޖެއްސުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"ޗެމްޕިއަންސް ލީގަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް. ފުޓްބޯޅައިގެ މި ޤައުމުގެ ސަޕޯޓަރުންނަށް މި މުބާރާތަކީ ވަރަށް މުހިންމު މުބާރާތެއް،" ބޮޑުވަޒީރު ސްޓާމަރ ވިދާޅުވިއެވެ.
"އާސެނަލް ފައިނަލަށް ދިޔަޔަސް ނުދިޔަޔަސް، މި މުބާރާތުގެ ފައިނަލް މެޗަކީ އަބަދުވެސް ހިލޭ ބަލައިލެވޭނެ މެޗަކަށް ވާންޖެހޭނެ ކަމަށް އަހަރެން ޤަބޫލުކުރަން." ސްޓާމަރ ވިދާޅުވިއެވެ.
ސްޓާމަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާސެނަލް ކުޅޭ މި ތާރީޚީ ފައިނަލް މެޗު ވީހާވެސް ގިނަ ސަޕޯޓަރުންނަށް ބެލޭނެ ގޮތްވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ.
ނަމަވެސް، މިއީ ހަމައެކަނި ވަކި ޓީމެއްގެ ވާހަކައެއް ނޫން ކަމަށާއި، މިއީ މުޅި ޤައުމުގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން އެކަތިގަނޑަކަށްވެ، ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިންގެ ކުޅުން ބަލާލުމަށް ލިބޭ ފުރުޞަތެއް ކަމަށްވެސް ސްޓާމަރ ވިދާޅުވިއެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ޔޫރަޕުގެ ކްލަބް މުބާރާތްތަކުގެ ތިން ފައިނަލް މެޗުވެސް އިނގިރޭސިވިލާތުގައި ބެލޭނީ ހަމައެކަނި ފައިސާ ދައްކައިގެން، ސަބްސްކްރައިބް ކޮށްގެން ކަމަށް މިދިޔަ ހަފުތާގައި ހާމަކޮށްފައިވާއިރު، މި މުބާރާތްތައް އެ ޤައުމުގައި ދެއްކުމުގެ ރައިޓްސް އޮތީ ޓީ.އެން.ޓީ ސްޕޯޓްސް އަތުގައެވެ.