ENGLISH

24 މޭ 2026

Advertisement

ކިންގްސް ކަޕް: އެމްޓީސީސީ، އެސްޓީއޯ، ކޯރާ ކޯރާ އަދި ސްޓެލްކޯއަށް މޮޅެއް

24 މޭ 2026

ކިންގްސް ކަޕުގައި އެމްޓީސީސީ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގައި މިރޭ ކުޅުނު މެޗުތަކުން ކުލަބު އެމްޓީސީސީ، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ކޯރާ ކޯރާ މޯލްޑިވްސް އަދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނުނު ދެ ޓީމު ކަމަށްވާ އެމްޓީސީސީ އާއި ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގެ ޗެމްޕިއަން އުތީމު ފުޓްބޯލް ކުލަބެވެ. މި މެޗު އެމްޓީސީސީން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ އިސްމާޢީލް ވަޖީހު، ކެޕްޓަން އަޔާޒް އަޙްމަދު، އަލީ ޝިޔާހު އަދި މުޙައްމަދު އިސާމެވެ. މި މެޗުގައި އުތީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ސަޚާއުއެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގައި ހިމެނުނު ދެ ޓީމު ކަމަށްވާ އެސްޓީއޯ އާއި ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އެވެ. މި މެޗު އެސްޓީއޯއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި އަޙްމަދު ރާހިލް ރަޝީދު އަދި ކެޕްޓަން މުޙައްމަދު އިމްރާނެވެ. ފިސްޑާގެ ހަމައެކަނި ލަނޑު މި މެޗުގައި ޖަހައިދިނީ އިބްރާހީމް ހަމްދާނެވެ.

ކިންގްސް ކަޕުގައި ކޯރާ ކޯރާ އާއި ކޮންރެޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ގްރޫޕް ސީގައި ހިމެނުނު ދެ ޓީމު ކަމަށްވާ ރާބަދި ޗެލެންޖުގެ މި އަހަރުގެ ޗެމްޕިއަން ކޯރާ ކޯރާ އާއި ރިސޯޓު ސުޕަރ ލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސްއެވެ. މި މެޗު ކޯރާ ކޯރާއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ކޯރާ ކޯރާގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ތޯހިރު އަދި ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު އަޝްރަފް މަހުމޫދު މުސްތަފާއެވެ. އަދި ކޮންރެޑުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަނާއު ނަސީރެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް ސީގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އޮފީސް ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ސްޓެލްކޯ އާއި ކްލަބް މޯލްޑިވްސް ކްލެސިކް 2025 ގެ ރަނަރަޕް ކުލަބު ބިނާރާއެވެ. މި މެޗު ސްޓެލްކޯއިން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކޮށްދިން އިބްރާހީމް ރިމާހު، މުޙައްމަދު ސިރުުޚާން އަދި މުއާޒް އަލީއެވެ. މި މެޗުގައި ބިނާރާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ނާހިލް ނޫހެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ކިންގްސް ކަޕުގެ މެޗުތައް ދެން ކުޅޭނީ ޢީދު ބަންދަށްފަހު މި މަހުގެ 31 ވަނަ ދުވަހެވެ. އެރޭވެސް މި މުބާރާތުގެ ހަތަރު މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.

  • ކޯރާ ކޯރާ - ކުލަބު ބިނާރާ (20:30)
  • ކޮންރެޑް - ސްޓެލްކޯ އާރްސީ (20:30)
  • އެއިޓީފޯ އެފްސީ - ކުލަބު އެމްޓީސީސީ (22:00)
  • އާރްއާރްސީ - އެސްޓީއޯ އާރްސީ (22:00)
ކިޔުންތެރިންގެ ހިޔާލު