ENGLISH

24 މޭ 2026

Advertisement

17 އަހަރުން ދަށުގެ ރާއްޖެ ޖޫނިއަރ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާފުށި ސްކޫލަށް

24 މޭ 2026

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާފުށި ސްކޫލްގެ ކުޅުންތެރިން ތައްޓާއެކު. ފޮޓޯ: އިމޭޖަސް.އެމްވީ

17 އަހަރުން ދަށުގެ ސްކޫލުތަކަށް ބޭއްވި، "ރާއްޖެ ޖޫނިއަރ ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ގެ ފައިނަލުގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒު ބަލިކޮށް، ކ. މާފުށި ސްކޫލުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން މާފުށި ސްކޫލް މޮޅުވީ 2-0 އިންނެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި މާފުށި ސްކޫލުން ވަނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ދަރުމަވަންތަ ސްކޫލް ބަލިކޮށްފައެވެ. އދ. އަތޮޅު ތަޢުލީމީ މަރުކަޒު ފައިނަލަށް ދަތުރުކުރީ ސެމީގައި 1-0 އިން ކަލާފާނު ސްކޫލް ބަލިކޮށްގެންނެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކު ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި މާފުށި ސްކޫލުން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް މި ދެ ލަނޑުވެސް ޖަހައިދިނީ ކެޕްޓަން، މޫސާ މިކިއާލް ޝަކީބެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގައި މާފުށި ސްކޫލަށް މިކިއާލް ލީޑު ނަގައިދިނީ ލިބުނު ކޯނަރެއްގައި އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ސީދާ ގޯލަށް އޮއްސާލައިގެން، ކާމިޔާބުކުރި ލަނޑުންނެވެ.

އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި މިކިއާލް ވަނީ މާފުށި ސްކޫލުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ މި ލަނޑުޖެހީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ. މި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަދެފައިވަނީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯލްކީޕަރު އެ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި، ހުރަސްދަނޑީގައިވެސް ޖެހިފައެވެ. 

މާފުށި ސްކޫލުން ވަނީ ފައިނަލަށް ދަތުރުކުރުމާ ހަމައަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި، ކުއާޓާ ފައިނަލުގެ އިތުރުން ސެމީ މެޗު ހިމެނޭހެން 16 ލަނޑު ޖަހައިފައެވެ. އެ ޓީމުން ފައިނަލް މެޗުގައި ޖެހި ދެ ލަނޑާއެކު މުބާރާތުގައި މުޅިއެކު 18 ލަނޑު ޖެހިއެވެ. މީގެތެރެއިން، 11 ލަނޑު ޖެހި މިކިއާލް ވަނީ މުބާރާތުގެ ޓޮޕް ސްކޯރާގެ މަޤާމު ހާސިލްކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 އިން މި މަހުގެ 23 އަށް މި މުބާރާތް ކުރިއަށްގެންދިޔައީ ބައިވެރިވީ 25 ސްކޫލެއް ހަ ގްރޫޕަށް ބަހާލައިގެންނެވެ.

މިއީ ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑުގައި ކުޅުނު ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. 


ކިޔުންތެރިންގެ ހިޔާލު