ENGLISH
23 މޭ 2026
ކިންގްސް ކަޕް: ހޯކްސް އާއި އެއިޓީފޯއަށް ރަނގަޅު ފެށުމެއް
23 މޭ 2026
ކިންގްސް ކަޕުގައި އާރްއާރްސީ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގައި ކުޅުނު ފުރަތަމަ މެޗުތަކުން ކުލަބު ހޯކްސް އާއި އެއިޓީފޯ އެފްސީ މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން މިރޭ ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ގްރޫޕް ބީގައި ހިމެނުނު މިދިޔަ އަހަރުގެ ކިންގްސް ކަޕް އަދި ކްލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި މިދިޔަ އަހަރު މުޅިން އަލަށް ބޭއްވި ސެކްޓަރ ލީގުގެ ރަނަރަޕް ކުލަބު ހޯކްސްއެވެ. މި މެޗު ހޯކްސްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ސްކޮޑަކާއެކު ކިންގްސް ކަޕާ ކުރިމަތިލި ހޯކްސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި މުޙައްމަދު ފާސިރު (ފާއްޓޭ) އާއި މުޙައްމަދު ނާއިމެވެ. އަދި އާރްއާރްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ ހާފިޒު (ހާއްޕެ) އެވެ.
ކިންގްސް ކަޕުގައި އެޗްޕީއެސްއެން އާއި އެއިޓީފޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނުނު މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކްލެސިކުގެ ޗެމްޕިއަން ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) އާއި އޭދަފުށި ފުޓްސަލް ކަޕް 2026 ގެ ރަނަރަޕް އެއިޓީފޯ އެފްސީއެވެ. މި މެޗު އެއިޓީފޯއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެއިޓީފޯގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އިމްތިޝާލް އަބްދުލް ރަހީމް، ދެ ލަނޑު ކާމިޔާބުކޮށްދިން އަބްދުالله ސުޒެއިރު އަދި ހުސެއިން ޝަރީފެވެ. އެޗްޕީއެސްއެންގެ ފުރަތަމަ ލަނޑަކީ އެއިޓީފޯގެ އަޙްމަދު ހުސާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ ޒާދު މުޙައްމަދު ޚާލިދެވެ.
ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ކިންގްސް ކަޕުގައި މާދަމާރޭ ހަތަރު މެޗު ކުޅެވިގެންދާނެއެވެ.