ENGLISH

30 މޭ 2026

Advertisement

ދުރާލާ ސިއްހީ މައްސަލަތައް ދެނެގަތުމަށް "ވެއަރަބަލް ޓެކްނޮލޮޖީ" އެހީތެރިވަނީ ކިހިނެތް؟

20 މޭ 2026

|

މަރިޔަމް ލީމް

މިހާރުގެ އާ ސްމާޓް ޑިވައިސްތަކުން އިންސާނާގެ ހަށިގަނޑަށް ދިމާވާ ސިއްހީ މައްސަލަތައް އެކަމެއް ދިމާވާ ވަގުތު ނުވަތަ ސިއްހީ މައްސަލަޔަކާއި ކުރިމަތިލާންޖެހުމުގެ ކުރިން މޮނިޓަރކޮށް، މި ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް އަވަސްވެގަތުމަށް އިޝާރާތްތަކެއް ދިނުމަށް ފަރުމާކުރެވިފައިވެއެވެ. 

އަލަށް އީޖާދުކުރަމުންދާ ޓެކްނޮލޮޖީގެ އައު އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު އެއްކޮށް ދިރާސާކުރަމުންދާ ކުންފުނި، އައިޑީޓެކްއެކްސިން ކުރިޔަށްގެންދިޔަ ވެއަރަބަލް ޓެކްނޮލޮޖީގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ސިސްޓަމްތަކުން އާޓިފިޝަލް އިންޓެލިޖެންސް އާއި ސެންސަރުތަކުގެ އެހީގައި ސިއްހީ މައުލޫމާތާއި ތަފާސްހިސާބުތައް ވަރަށް ފުރިހަމައަށް ރެކޯޑްކޮށްލައެވެ.

މީގެ ތެރެއިން ބައެއް ޓެކްނޮލޮޖީތަކަކީ މިއަދުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ ވަސީލަތްތަކެކެވެ. އެގޮތުން ސްމާޓްވޮޗް، ފިޓްނަސް ޓްރެކަރ އަދި ސްމާޓް ރިންގް ފަދަ ޑިވައިސްތައް މެދުވެރިކޮށް ހިތުގެ ދުވެއްޔާއި އެމީހެއްގެ ނިދުމުގެ ފެންވަރު ބަލަހައްޓައިދެއެވެ. މީގެއިތުރުން ލޭގައި އޮކްސިޖަން ހުރި މިންވަރާ، ހަށިގަނޑުގެ ފިނިހޫނުމިނާއި ޖިސްމާނީ ހަރަކާތްތައްވެސް ވަޒަންކޮށްދެއެވެ. މި ވަސީލަތްތަކަކީ އާންމުކޮށް ކަސްރަތުކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ ވަސީލަތްތަކެއްކަން ފާހަގަކުރެވުނަސް، މީގެ އެހީގައި ކޮންމެ މީހަކަށްވެސް ދުވާލެއްގެ މައްޗަށް ސިއްހަތަށް އަންނަ ބަދަލުތައް ވެސް ދެނެގަންނަން ފުރުސަތު ލިބިގެންދެއެވެ. އަދި ސިއްހީ ބައްޔަކާއި ގުޅިގެން ކުރިމަތިވެދާނެ އަލާމާތެއް ސީރިއަސްވުމުގެ ކުރިން ފިޔަވަޅު އަޅާ، އެކަމެއް މީހާގެ ސަމާލުކަމަށް އައުމަށް މަގުފަހިވެގެންދެއެވެ.

އައިޑީޓެކްއެކްސްގެ ޓީމުން ކުރިޔަށްގެންދިޔަ ވެއަރަބަލް ޓެކްނޮލޮޖީގެ ދިރާސާގެ އެހީގައި މި ވަސީލަތްތަކުގެ އިތުރުން ޓެކްނޮލޮޖީގެ އިތުރު ވަސީލަތްތައްވެސް ޓެސްޓުކުރަމުންދާކަމާއި ތަރައްޤީކުރަމުންދާކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން "ސްމާޓް ގްލާސަސް" އަކީ ތަޢާރަފްކޮށްފައިވާ ޓެކް ވަސީލަތަކަށްވީއިރު، މި އައިނު މެދުވެރިކޮށް ނޮޓިފިކޭޝަންތައް ބެލެއެވެ. އަދި ފޮޓޯ ނަގާ ފޯނުތަކަށް ވެސް ގުޅެއެވެ. އެހެންނަމަވެސް މިހާރު ތަރައްޤީ ކުރަމުންދާ ވަރޝަންތައް މާ ކުރިއަރާނެ ކަމަށް ބެލެވެއެވެ. މި އާ ވަރޝަންތަކުގެ މަޤުސަދަކީ ރިއަލް ޓައިމް ޓްރާންސްލެޝަން، ނެވިގޭޝަން، ލައިވް ކެޕްޝަންސް އަދި އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންސް ފަދަ އެޑްވާންސްޑް ފީޗާސްތައް އެ އައިނުގެ ޔޫޒަރަށް ސީދާ އަމާޒުކުރުންކަމުގައި އޮގްމެންޓެޑް ރިއަލިޓީ ނަމުގެ 3ޑީ ގްރެފިކްސް އާއި ގުޅުންހުރި ޓެކް ކުންފުނިން ކުރި ދިރާސާތަކުން ދައްކައެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލައިލާއިރު، ކުޅިވަރާއި ރައްކާތެރިކަމަށް ޚާއްސަކޮށްގެން "ސެންސަރ ބޭސްޑް" މައުތުގާޑް ފަދަ އާ ސްމާޓް ޑިވައިސްތައް ދަނީ ތަރައްޤީކުރަމުންނެވެ. މި އާލާތްތައް ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މި ކުޅިވަރުތަކުގެ ތެރޭގައި ބޮލަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށްކަމަށް ހާމަކޮށްފައިވެއެވެ. މި ވެއަރަބަލް ޑިވައިސްގެ އެހީގައި އަނިޔާއެއް ދިމާވެއްޖެ ހާލަތުގައި، އެހީތެެރިވުމަށް ހަރަކާތްތެރިވާ މެޑިކަލް ޓީމަށް ފަސޭހައިން ދިމާވެފައިވާ އަނިޔާ އަދި ލިބިފައިވާ އަނިޔާއިން ކޮށްފައިވާ އަސަރުގެ ކުޑަބޮޑުމިން އަވަހަށް ދެނެގަނެވޭނެއެވެ. އަދި އެތުލީޓުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް އެހީތެރިކަމެއް ލިބިގެންދެއެވެ. ވެއަރަބަލް ސެންސަރގެ ރިސާޗް ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ޓެކްނޮލޮޖީއަކީ އަދި ބޭނުންކުރަން ފަށާފައިނުވާ، ޓެސްޓު ކުރަމުންދާ ޓެކްނޮލޮޖީއެކެވެ.

ސިކުނޑި މޮނިޓަރ ކުރާ ހެލްމެޓާއި ޒަމާނީ "ނިއުރަލް ވެއަރަބަލްސް" އަކީ ވެސް ސްމާޓް ޓެކްނޮލޮޖީގެ ތެރޭގައި ދިރާސާ ކުރަމުންދާ ބަޔެކެވެ. މި ޑިވައިސްތަކުގެ ބޭނުމަކީ މީހަކު ހަރަކާތްތެރިވާ ވަގުތު ނުވަތަ މަސައްކަތެއް ކުރަމުންދާއިރު އޭނާގެ ސިކުނޑީގެ ހަރަކާތްތައް ޓްރެކްކޮށް އަނަލައިޒްކުރުމެވެ. އާދައިގެ ސިކުނޑީގެ ސްކޭންތަކާ ޚިލާފަށް މި ނިޒާމުތަކުގެ މަގުސަދަކީ އާންމު ދިރިއުޅުމުގައި އިންސާނާ ދުވަހުގެ މަސައްކަތްތަކުގައި މަސްޢޫލުވެއުޅޭ ވަގުތުތަކުގައި ސިކުނޑީގެ ހަރަކާތްތައް ހުންނަ ގޮތްތައް ދިރާސާކުރުމެވެ. އެހެންނަމަވެސް މިދިރާސާތައް ޚާއްސަވެގެންދަނީ މެޑިކަލް ބޭނުންތަކަށް އެކަންޏެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ދުވަހުން ދުވަހަކަށް ތަރައްޤީވަމުން އަންނަ ވަރަކަށް ޕްރައިވެސީ އާއި ޑޭޓާ ސެކިއުރިޓީއާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާކަން ވެސް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ވެއަރަބަލް ޑިވައިސްތަކުން ޒާތީ މައުލޫމާތުތަކާއި މުހިންމު މައުލޫމާތުތަކެއް އެއްކުރެވިގެންދާތީ މި ޑޭޓާތައް ރަނގަޅަށް ރައްކާތެރިކަމާއެކު ހިފެހެއްޓުމަށް ވަރުގަދަ ސައިބަރ ސެކިއުރިޓީ ނިޒާމެއް ބޭނުންވާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

ވެއަރަބަލް ޓެކްނޮލޮޖީ އެކި މަރުހަލާތަކުގައި ދަނީ ތަރައްގީވަމުންނެވެ. ސްމާޓްވޮޗް ފަދަ ބައެއް ޑިވައިސްތަކަކީ މިހާރުވެސް ގިނަ ބަޔަކު އާންމުކޮށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ހިމެނޭއިރު، ސްމާޓް ގްލާސަސް އާއި ސިކުނޑި މޮނިޓަރިން ސިސްޓަމް ފަދަ ބައެއް ޑިވައިސްތައް އަދިވެސް ދަނީ ތަރައްޤީކުރަމުންނެވެ. މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތަކުން ވެސް ދައްކުވައިދެނީ މުސްތަގުބަލުގައި ޓެކްނޮލޮޖީއާއި އިންސާނާގެ ސިއްހަތާއި ގާތް ގުޅުމެއް ޤާއިމްވެގެންދާނެކަމެވެ.

ކިޔުންތެރިންގެ ހިޔާލު