ENGLISH
29 މޭ 2026
ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭ: ހުކުރު ޚުޠުބާ
29 މޭ 2026
|
އެންމެ މަޤްބޫލު
ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ހޭދަކުރުމުގައި އިޤުތިޞާދުކުރުން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށެވެ. ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެއް ކަމަށެވެ. މުދަލަކީ އަހަރެމެންނަށް ޓަކައި ލައްވައިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ އެވެ. އެއީ އަހަރެމެން އިމްތިހާނުކުރެއްވުމަށް ޓަކައި އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަމާނާތެކެވެ.
"މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރާންވާނެއެވެ. ހަމަ އެހެންމެ މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެއެވެ. މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫނެވެ. މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެއެވެ. ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ." ޚުޠުބާގައި ބުންޏެވެ.
ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހޭއިރު، މިފަދަ ކަންކަމާ މެދު ވިސްނައި، އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ޚުޠުބާގައި ބުންޏެވެ.
"މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވެއެވެ. ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަންނާށެވެ! އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމުކޮށްގެން ނުވާނެއެވެ. އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ކަމަށްވީއިރު، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެން ނުވާކަން ހަނދާންކޮށްދީފައެވެ. އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއް ކަމުގައި ވެސް ޚުޠުބާގައި ބުންޏެވެ.
އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނާން ޖެހޭ ކަމަށާއި، ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދެވޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ. އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް، ފަހަށް ރައްކާކުރުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.