ENGLISH
12 މޭ 2026
ރެއާލް މެޑްރިޑް "ކްރައިސިސް" އެއްގައި - އެތެރޭގައި ތަޅާފޮޅުމާއި ކޯޅުން
09 މޭ 2026
|
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އާއި ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ ----
އެންމެ މަޤްބޫލު
ސްޕެނިޝް ލީގުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗަށް ތައްޔާރުވަމުންދާއިރު، ރެއާލް މެޑްރިޑުގެ އެތެރޭގެ ކޯޅުންތައް ވަނީ ބޮޑުވެފައެވެ. ނަތީޖާ ދަށްވުމާއި ކޯޗުގެ ނުތަނަވަސްކަމާ ގުޅިގެން ދަނޑު ތެރޭގައާއި ދަނޑު ބޭރުގައިވެސް ކުލަބުގެ ހާލަތު ވަނީ ދަށްވެފައެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އާއި ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީގެ މެދުގައި ހޫނު ޒުވާބެއް ހިނގައި، ދެ ކުޅުންތެރިން ވަނީ މާރާމާރީ ހިންގާފައެވެ. އެ ދެ ކުޅުންތެރިންގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ހަމަނުޖެހުންތަކެއް ހިނގިއިރު، ފަހުން ދުވަހު ހިނގި މާރާމާރީގެ ތެރެއިން ވަލްވާޑޭ ހޭނެތުމާއެކު، ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ވަނީ ފަރުވާދީފައެެވެ.
ވަލްވާޑޭ ހޮސްޕިޓަލަށް ގެންދިޔައީ ބޮލަށް އަނިޔާވުމާ ގުޅިގެންނެވެ. މި މައްސަލަ ރެއާލް މެޑްރިޑުގެ ޑިސިޕްލިނަރީ ކޮމިޓީން ބެލިއިރު، ކޮންމެ ކުޅުންތެރިޔަކު ވަނީ 5000،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. ޗުއަމެނީ އާއި ވަލްވާޑޭވެސް ވަނީ ހިނގި ކަންތައްތަކާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ، މައާފަށް އެދިގެން ކުރިއަށްދާން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.
ވަލްވާޑޭގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން 10-14 ދުވަހަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު، ކުރިއަށް އޮތް ބާސެލޯނާ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެއެވެ.
ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭއަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ނަމަވެސް، އެސްޕަނިއޯލްއާ ދެކޮޅަށް ރެއާލް ކުޅެމުން ދަނިކޮށް އޭނާ ޔޮޓެއްގައި ސާޑިނިއާއަށް ދަތުރުކުރި ކަމަށް ބުނެ ފާޑުކިޔުންތަކެއް ކުރިމަތިވިއެވެ.
އެއާއެކު "އެމްބާޕޭ އައުޓް" ގެ ނަމުގައި ހެދި އޮންލައިން ޕެޓިޝަނަށް 46 މިލިޔަނަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މިއީ ސަޕޯޓަރުންގެ ފުން މާޔޫސްކަން ދައްކުވައިދޭ ކަމެކެވެ.
ޖެނުއަރީ މަހު ޒަބީ އަލޮންސޯގެ ބަދަލުގައި ގެނައި މިހާރުގެ ހެޑް ކޯޗު އަލްވާރޯ އާބެލޯއާއަށް ތަޖުރިބާ ނެތުމާއި، ޑްރެސިން ރޫމްގައި އެ ޓީމުގެ ތަރިން ކޮންޓްރޯލް ނުކުރެވޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ތައްޓަކާ ނުލައި މި ސީޒަން ނިންމާލަން ޖެހިދާނެކަމުގެ ބިރު ރެއާލަށް ކުރިމަތިވެފައިވާއިރު، އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗު ކާމިޔާބުކޮށް، ވާދަވެރި ބާސެލޯނާއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.
މިއާއެކު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށްވެސް ފާޑުކިޔުން އަމާޒުވެފައިވާއިރު، ދެ ސީޒަނެއްގެ ތެރޭގައި ތިން ކޯޗުން ގެނެސް، ކާމިޔާބީއެއް ނުލިބުމުން ކުލަބު ހިންގާ އޮނިގަނޑާ މެދުވެސް ވަނީ ސުވާލު އުފައްދާފައެވެ.