ENGLISH

30 މޭ 2026

Advertisement

މައިކްރޯސޮފްޓުން ޖަޕާނުގައި 1.6 ޓްރިލިއަން ޔެންގެ އިންވެސްޓެއް ކުރަން ނިންމައިފި

09 މޭ 2026

|

މަރިޔަމް ލީމް

ދުނިޔޭގެ ގިނަ ގައުމުތަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޖަޕާނުގައި އޭއައިގެ ދާއިރާ ފުޅާކުރުމަށާއި ސައިބަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ރޮނގުން ނަން މަޝްހޫރު، "މައިކްރޯސޮފްޓް" ކުންފުނިން 1.6 ޓްރިލިއަން ޔެންގެ ބޮޑު ވިޔަފާރިއެއް ކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

މައިކްރޯސޮފްޓްގެ ފަރާތުން 1.6 ޓްރިލިއަން ޔެން (10 ބިލިއަން ޑޮލަރު) ގެ އެހީއެއް ޖަޕާނަށް ދިނުމަށް އިއުލާންކޮށްފައި ވަނީ އެޕްރިލް 3 ވީ ހުކުރު ދުވަހުއެވެ. އަދި ޖަޕާނުގެ ސަރުކާރާއި ގުޅިގެން، އޭއައި ޚިދުމަތްތަކާއި ސައިބަރސެކިއުރިޓީ ވަރުގަދަކުރުމަށް ނިންމާފައި ވަނީ މި އަހަރާއި 2029 ވަނަ އަހަރާ ދެމެދެވެ.

މި އިންވެސްޓްމަންޓްގެ ތެރޭގައި 2030 ވަނަ އަހަރުގެ ނިޔަލަށް 1 މިލިއަން އިންޖިނިއަރުންނާއި ޑިވެލޮޕަރުން ތަމްރީނު ކުރުން ހިމެނޭކަން މައިކްރޯސޮފްޓުން ފާހަގަކޮށް، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޕްލޭނަކީ ޖަޕާނުގެ ބޮޑުވަޒީރު ސަނާއީ ޓަކައިޗީގެ އަމާޒާ އެއްގޮތަށް ކަނޑައަޅާފައިވާ ޕްލޭނެއް ކަމަށެވެ. މީގެއިތުރުން މި ޕްލޭންގެ އެހީގައި ގައުމީ ސަލާމަތް ރައްކާތެރިކުރެވި، ޒަމާނީ ސްޓްރެޓެޖިކް ޓެކްނޮލޮޖީތަކުގެ ތެރެއިން ކުރިއެރުން އިތުރުވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މަސައްކަތް ރާވާފައި ވަނީ ޖަޕާނުގެ ކުންފުނިތައް ވެސް ހިމެނޭގޮތަށްކަން ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ސޮފްޓްބެންކް (9434.ޓީ) އަދި ސަކޫރާ އިންޓަނެޓް (3778.ޓީ) އާއި ގުޅިގެން ޖަޕާނުގައި ހުންނަ އޭއައި ކޮމްޕިއުޓިން ކެޕޭސިޓީ ފުޅާކުރުމަށް އާ ޓެބެއް ހުޅުވުމަށް ވެސް ނިންމާފައިވެއެވެ. މިކަމުގެ ސަބަބުން މައިކްރޯސޮފްޓްގެ އެޒޫރު ސަރވިސް ބޭނުންކުރިޔަސް، ޖަޕާން ސަރުކާރާއި ކުންފުނިތަކަށް މުހިންމު، ސިއްރު މައުލޫމާތުތަކާއި ޑޭޓާތައް އެ ގައުމުގެ ތެރޭގައި ރަނގަޅަށް ހިފެހެއްޓިގެންދާނެކަމުގެ ޔަގީންކަން މައިކްރޯސޮފްޓުން ހާމަކޮށްފައިވެއެވެ.

މައިކްރޯސޮފްޓްގެ މި އިންވެސްޓްމަންޓްގެ މައިގަނޑު އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކާ، ކްލައުޑް ކޮމްޕިއުޓިން އަދި ސައިބަރ ސެކިއުރިޓީ ޕްރޮޓެކްޝަން ވަރުގަދަކުރުމެވެ. އަދި ހަމައެހެންމެ، ޑޭޓާ ސެންޓަރުތައް ފުޅާކޮށް ވިޔަފާރިތަކާއި ޖަމިއްޔާތަކާ، އާންމު ނިޒާމުތަކަށް އެހީތެރިވާ ޑިޖިޓަލް ޚިދުމަތްތައް ރަނގަޅު ވެގެންދާނެކަމަށް ވެސް ބެލެވެއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުތަކުގެ ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ޓެކްނޮލޮޖީ ތަރައްޤީވުން އަވަސްވެގެންދެއެވެ.

ސައިބަރ ކްރައިމްތަކަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލަކަށްވީއިރު، ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް ސައިބަރ އެޓޭކްތަކާއި ޑިޖިޓަލް ތުރެޓްސް ވެސް ދަނީ އިތުރުވަމުންނެވެ. މައިކްރޯސޮފްޓުން ބުނާ ގޮތުގައި ސައިބަރ ސެކިއުރިޓީ ސިސްޓަމްތައް ރަނގަޅު ކުރުމަކީ މައުލޫމާތާ، ވިޔަފާރިތަކާއި އޮންލައިން ޔޫޒަރުންނަށް ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޖަޕާނަކީ ޓެކްނޮލޮޖީގެ ގިނަ ވިޔަފާރިތަކުން ކުރިއަރަމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޓެކް މާހިރުން ބުނާގޮތުގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާއެކު ޕާޓްނަޝިޕް ހެދުމަކީ ޖަޕާނަށް ޓެކް އިންޑަސްޓްރީގައި ހަލުވިކަމާއެކު ކުރިއެރުން ލިބި، ވާދަވެރި ގޮތެއްގައި ދެމިއޮތުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެންނަމަވެސް ހަލުވިކަމާއެކު އޭއައި ތަރައްގީވުމަކީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްކަަމުގެ އިންޒާރު ވެސް ބައެއް ތަޖުރިބާކާރުން ދީފައިވެއެވެ. އެގޮތުން ޑޭޓާ ޕްރައިވެސީއާ، ޓެކްނޮލޮޖީއަށް ބަރޯސާވުމާ، އޭއައިގެ ނުރަނގަޅު ބޭނުންކުރުމާއި ގުޅޭ ކަންބޮޑުވުންތައް އިތުރުވަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ. ވީމާ އޭއައި ތަރައްޤީކުރުމުގެ މަސައްކަތް ޒިންމާދާރުކަމާއެކު ކުރިއަށް ގެންދަން ގިނަ ބަޔަކު ވަނީ އިލްތިމާސްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު