ENGLISH
08 މޭ 2026
ބާވެ ހަލާކުވެފައިވާ ފައިސާ ނޫޓް ބޭނުންކޮށްގެން އިޖާދީ އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފި
07 މޭ 2026
|
އެމްއެމްއޭ ބިލްޑިންގް-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އެންމެ މަޤްބޫލު
ބާވެ ހަލާކުވެ ދައުރު ކުރުން ހުއްޓާލާފައިވާ، ކުނޑިކޮށްފައިވާ ޕޮލިމާ ފައިސާ ނޫޓު ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި މުބާރާތް ކުރިއަށްދަނީ "ކްރާފްޓަޑް ބައި ކަރަންސީ، ޝްރެޑަޑް ނޯޓްސް ރީއިމެޖިންގް" ގެ ނަމުގައި ކަމަށެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ބާވެ ބޭނުން ކުރުން ހުއްޓާލާފައިވާ ފައިސާގެ ނޫޓުތައް އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުން ކޮށްގެން އީޖާދީ އަދި މާނަވީ އުފެއްދުންތަކެއް ބިނާކުރުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި ދެކެޓަގަރީއަކީ "ސުވެނިއާ ޑިޒައިން އެންޑް ޕްރޮޑަކްޝަން" އާއި "އާޓްވޯކް" ޑިޒައިން މުބާރާތެވެ. މީގެ ތެރެއިން ސުވެނިއާ މުބާރާތުގައި ހުށަހަޅަންޖެހެނީ ފައިސާ ނޫޓް ބޭނުންކޮށްގެން އެމްއެމްއޭގެ ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭ ފަދަ ތަކެއްޗެވެ. އާޓްވޯކްގައި ފައިސާ ނޫޓްގެ ކުނޑި ބޭނުންކޮށްގެން ތައްޔާރުކުރަން ޖެހެނީ ފަންނީ ކުރެހުންތަކާ ފަރުމާކުރުންތަކެވެ.
މި މުބާރާތުގައި ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް، މި އަހަރުގެ އެމްއެމްއޭގެ "ފައިނޭންޝަލް އެކްސްޕޯ" ގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މި މުބާރާތް ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ ޓީމްތަކުންނާއި، އަމިއްލަ ފަރުދުންނަށެވެ. މީގެ އިތުރުން މިފަދަ ފަންނީ މަސައްކަތްކުރާ ވިޔަފާރިތަކަށްވެސް ފުރުސަތު ހުޅުވާލާފައިވެ އެވެ. ދެ ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ.
މި މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެމްއެމްއޭ އިން ނިންމާފައިވެ އެވެ.
މީގެ އިތުރުން، މި ކެޓަގަރީން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއަށް ބޭނުންވާ ސުވެނިއާތައް އުފެއްދުމުގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު، 14 މެއިގެ ރޭގަނޑު 11:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެމްއެމްއޭ އެދިފައިވެ އެވެ.