ENGLISH

07 މޭ 2026

Advertisement

ޙައްޖާއި އުމްރާގެ އަޅުކަމުގައި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސެއް

07 މޭ 2026

|

އާމިނަތު ނުޒްލާ

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ޙައްޖާޖީން ރާއްޖެ އައުން. ޙައްޖާއި އުމްރާގެ އަޅުކަމުގައި އުޅޭއިރު ސަމާލުވާންވީ ކަންކަން އެޗްޕީއޭއިން ވަނީ އާއްމުކޮށްފަ. ފޮޓޯ: ޙައްޖު މިޝަން

ހައްޖަށް ނުވަތަ އުމްރާއަށް މައްކާއަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިއްސާކޮށްފި އެވެ.

އެޗްޕީއޭއިން 'އެކްސް' ގައި ހިއްސާކުރި ޕޯސްޓުގައި ވަނީ ދަތުރުވެރިންގެ ވެކްސިންތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު އާއްމުކޮށްފަ އެވެ.  

ބަލިތަކުން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ އަމިއްލަ މީހާގެ ސާފުތާހިރުކަން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ހައްޖުވެރިން ސާފުތާހިރުކޮށް ތިބުމަށާއި، އުޅޭ ކޮޓަރިއާއި ބޭނުންކުރާ ފާހާނާތައް ސާފުތާހިރުކޮށް ބެހެއްޓުން މުހިއްމުކަމަށް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އެންމެ މުހިއްމު ކަމެއް ގޮތުން، ޑޮކްޓަރުންގެ ލަފައާއި އިރުޝާދުގެ ދަށުން ވެކްސިންޖެހުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. 

ވެކްސިނަކީ އޭގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާގެ މުއްދަތެއް ބޭނުންވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފުރުމުގެ ދެ ހަފްތާ ކުރިން ވެކްސިން ޖެހުމަކީ މުހިއްމު ކަމެއްކަމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ. 

ދަތުރުވެރިންގެ ވެކްސިންތައް:

  • ޕޯލިއޯ
  • މެނިންޖައިޓިސް
  • އިންފްލުއެންޒާ

ބަލިތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކަށްވެސް ކުރެވިދާނެ މުހިއްމު ކަންތައްތައްވެސް އެޗްޕީއޭ އިން ވަނީ ހިއްސާކޮށްފަ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް މާސްކު އެޅުން
  • ކާނާ ތައްޔާރުކުރުމުގެ ކުރިން، ކެއުމުގެ ކުރިން އަދި މީހަކަށް ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތްދޮވުން
  • ފާހާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
  • ބޭރުގައި އުޅޭއިރު އަތް ސާފުކުރުމަށް ސެނެޓައިޒަރު ފުޅިއެއް ގެންގުޅުން
  • ފެނާއި ދިޔާ ތަކެތި ގިނައިން ބޭނުން ކުރުން
  • ފިޒީ ޑްރިންކްސް، އެނާޖީ ޑްރިންކްސް އަދި ގިނައިން ހަކުރު ހިމޭނޭ ބުއިންތައް ބޭނުން ނުކުރުން
  • ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ރަނގަޅު ފައިވާނެއް ބޭނުން ކުރުން
  • ބައްޔަކަށް ބޭސް ބޭނުން ކުރާނަމަ، ވަގުތަށް ބޭސް ބޭނުން ކުރުން
  • ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ، އާންމުކޮށް ދައްކާ ޑޮކްޓަރުގެ ފަހުގެ ބޭސް ސިޓީތަކާއި ރިޕޯޓްތައް ގެންދިއުން

މީގެ އިތުރުންވެސް ދަތުރުގެ ތެރެއިން ކޮންމެހެން ދާންޖެހޭ ތަންތަނަށް ފިޔަވާ އެހެންތަންތަނަށް ދިއުން ރައްކާތެރި ނޫންކަމަށް ބުނެފައިވެ އެވެ. އެގޮތުން ހާއްސަކޮށް ޖަނަވާރު ވިއްކާ ތަންތަނަށް ނުދިޔުމަށާއި، ރޯކިރު ރަނގަޅަށް ކެއްކުމަށްފަހު ނޫނީ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. މީގެ އިތުރުން މަހުގެ ބާވަތްތައްވެސް ކެއުމުގައި ބޭނުންކުރާއިރު ރަނގަޅަށް ރޯފިލާފައި ހުރިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއްކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ޙައްޖުވެރިން ފުރުމުގެ އިންތިޒާމު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސަމުންގެންދާއިރު ޙައްޖު މިޝަންގެ ޓީމު މިހާރު ވަނީ ސަޢޫދީ އަރަބިއްޔާއަށް ގޮސްފަ އެވެ. އަދި ފުރަތަމަ ބުރުގެ ޙައްޖާޖީން މެއި 15 ވަނަ ދުވަހު ސަޢޫދީ އަރަބިއްޔާއަށް ފުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު