ENGLISH

12 މޭ 2026

Advertisement

ކްލަބް މޯލްޑިވްސް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެމްއެމް ސްޕޯޓްސް

07 މޭ 2026

|

މުޙައްމަދު އަދުހަމް

ކްލަބް މޯލްޑިވްސް އިން މިއަހަރު ބާއްވާ މުބާރާތްތަކުގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެމްއެމްޓީވީގެ "އެމްއެމް ސްޕޯޓްސް" ހަމަޖައްސައިފިއެވެ.

ރޭ ކަމަނަ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކްލަބް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މޫސާ ރަމީޒް އެވެ. އެމްއެމްޓީވީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެޑިޓަރ ޝިފްޒާން އަހުމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޓީވީގެ ސީނިއަރ އެޑިޓަރ ޝިފްޒާން ވިދާޅުވީ، ރާއްޖޭގައި ފުޓްސަލްގެ ޖޯޝާއި ފޯރި ގެނެސްދިން މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި އެމްއެމް ސްޕޯޓްސްއަށް ފުރުޞަތު ލިބުމަކީ ބޮޑު ފަޚުރެއް ކަމަށެވެ. ކްލަބް މޯލްޑިވްސްގެ ޝަރަފާ އެއްވަރުގެ ފެންވަރު ރަނގަޅު ކަވަރޭޖެއް އެމްއެމް ސްޕޯޓްސްގެ ފަރާތުން ގެނެސްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ޝިފްޒާން ވިދާޅުވިއެވެ.

ކްލަބް މޯލްޑިވްސްގެ ޗެއާމަން ރަމީޒް ވިދާޅުވީ، އެމްއެމް ސްޕޯޓްސް އާއެކު މުބާރާތްތަކުގެ ކަވަރޭޖް ގެނައުމަށް ޤާއިމުކުރެވުނު އެއްބަސްވުމާއެކު ކްލަބް މޯލްޑިވްސްގެ ކުޑަދަށުން ގެނެސްދޭ މެޗުތައް ބްރޯޑްކާސްޓްކުރުން އެހެން އަހަރުތަކާ އަޅާ ބަލާއިރު އިތުރު ދެ ފިޔަވަޅު ކުރިއަށްޖެހިލާފައިވާ ކަމަށެވެ. 

ކްލަބް މޯލްޑިވްސް އިން މިފަހަރުގެ ސީޒަނުގައި މުޅިއެކު ހަތް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތްތަކަކީ؛

ކިންގްސް ކަޕް: ރާއްޖޭގައި ބޭއްވޭ ފާހަގަކޮށްލެވޭ ބޮޑެތި މުބާރާތްތަކުގެ ޗެމްޕިއަނުންގެ މެދުގައި ބޭއްވޭ އެންމެ މަތީ ފަންތީގެ (އެލީޓް) މުބާރާތެކެވެ.

ކިޑްސަލް: މިއީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން އަލަށް ތަޢާރަފުކުރާ މުބާރާތެއް.

ކްލަބް މޯލްޑިވްސް ކަޕް: އެންމެ މަތީ ފަންތީގެ ޓީމުތަކަށް ބާއްވާ ޝަރަފުވެރި މުބާރާތް.

18/30ވިމެންސް ފިއެސްޓާ: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަންހެން މުވައްޒަފުންނަށް ބާއްވާ އެންމެ މަތީ ފަންތީގެ މުބާރާތް.

ކްލަބް މޯލްޑިވްސް ކްލެސިކް: ސަރުކާރު އޮފީސްތަކަށް ޚާއްޞަކޮށްގެން ބާއްވާ ދެވަނަ ފަންތީގެ މުބާރާތް.

18/30 ކްލެސިކްސް: ސަރުކާރު އޮފީސްތަކުގެ އަންހެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ ދެވަނަ ފަންތީގެ މުބާރާތް.

ސެކްޓަރ ލީގު: މިއީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކަށް ޚާއްޞަކޮށްގެން 2025 ވަނަ އަހަރު ތަޢާރަފުކުރި މުބާރާތެއް.

އެމްއެމް ސްޕޯޓްސްއާއެކު ކްލަބް މޯލްޑިވްސް އިން ސޮއިކުރި އެއްބަސްވުމާ ގުޅިގެން ކްލަބް މޯލްޑިވްސް 2026ގެ ސީޒަނުގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ މެޗުތައް އެމްއެމްޓީވީ (އެމްއެމް ސްޕޯޓްސް) މެދުވެރިކޮށް ބްރޯޑްކާސްޓްކޮށް، އަދި ރީ-ބްރޯޑްކާސްޓް ކުރާނެ އެވެ.

މީގެއިތުރުން، ކްލަބް މޯލްޑިވްސްގެ ހުރިހާ މުބާރާތްތަކެއް އިޝްތިހާރުކޮށް، އެމްއެމް ސްޕޯޓްސްގެ ސޯޝަލް މީޑިއާ މަންސަތަކުގައި މުބާރާތްތަކުގެ ޚަބަރުތައް ގެނެސްދީ، ޕްރޮމޯޓުކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ ރާއްޖޭގައި އެންމެ ދުވަސްވީ ފުޓްސަލް މުބާރާތްތައް ކްލަބް މޯލްޑިވްސް އިން ބާއްވާ 21 ވަނަ އަހަރެވެ. ކްލަބް މޯލްޑިވްސްގެ މި އަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ، ކިންގްސް ކަޕް ފަށާނީ މި މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގެ މެޗުތައް ސަން މީޑިއާ އާއި އެމްއެމް ސްޕޯޓްސްގެ އިތުރުން އައިސް ޓީވީ އިން ވަގުތުން ގެނެސްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު