ENGLISH

02 މޭ 2026

Advertisement

އައިއޯޓީސީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

02 މޭ 2026

|

އައިމިނަތު ޝަފާ

29 ވަނަ އައި.އޯ.ޓީ.ސީގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ އޯޝަން އިކްއިޓީ ރިސާޗް.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން މިމަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އައި.އޯ.ޓީ.ސީގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ މެއި މަހުގެ ހަތަރަކުން 15 އަށް ބާސެލޯ ނަސަންދުރާގަ އެވެ. މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެ އެވެ. 

ވުޒާރާއިން ބުނީ މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އައި.އޯޓީ.ސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންކަމަށާއި އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ ޚަރަދެއްވެސް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަމަށް ވުޒާރާއިން ބުނެ އެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައި.އޯ.ޓީ.ސީގެ މައި ބައްދަލުވުމުގެ އިތުރުން، އައި.އޯ.ޓީ.ސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި:

·         އައި.އޯ.ޓީ.ސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން

·         އައި.އޯ.ޓީ.ސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން

·         އައި.އޯ.ޓީ.ސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން

މިއީ އައި.އޯ.ޓީ.ސީ ގެ ކޮމިޝަން ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. 

އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާ އެވެ.

އައި.އޯ.ޓީ.ސީއިން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއި، މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން، ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު