ENGLISH

28 އޭޕްރީލު 2026

Advertisement

ކުރިއަށް އޮތް ތިން މަސް ތެރޭ މާލެ ސަރަޙައްދުގައި އިތުރު ޖީޕީ ކްލިނިކްތައް ހުޅުވާނެ: ރައީސް

27 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި މާލޭ ސަރަޙައްދުގައި އިތުރު ތިން ޖެނަރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވަނީ މިކަމާ ގުޅޭ ތަފްޞީލީ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

އެކަނިކުފާނު ވިދާޅުވީ، ތެލެސީމިއާ ސެންޓަރު ހުރި ތަނުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖީޕީ ކްލިނިކެއް ތަރައްޤީކުރުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއާ ހަވާލުކުރެވި، ބާރު ސްޕީޑްގައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޓީރިއާގެ މަސައްކަތްތަކުގެ އިތުރުން ސިވިލް މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަ ކުރެއްވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖީޕީ ކްލިނިކެއް ތަރައްޤީ ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ވިދާޅުވީ، ހުޅުމާލެ ފިޔަވަހީ އެކެއްގަ ވެސް ޖީޕީ ކްލިނިކް އިމާރާތް ގާއިމް ކުރުމަށް ބިން ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި ތިން ޖީޕީ ކްލިނިކް، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަސްތެރޭ ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ތިން ތަން ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާފަ ހުޅުވުމަށް. ޖުލައި ނުވަތަ އޮގަސްޓް މަސް ހިސާބައްދާ އިރު އުއްމީދަކީ ނިންމާފަ ހުޅުވުން. މާލެ ސިޓީގައި އޭރުން ހުންނާނެ ހަތަރު ޖީޕީ. މިއީ މާފަންނު، ހެންވޭރުގެ އިތުރަށް ހުޅުމާލޭގަ ދެތަން." ރައީސް ވިދާޅުވި އެވެ. 

މާލެ ސަރަހައްދުގައި މިހާރު ހިދުމަތް ދެމުން އަންނަ ޖީޕީ ކްލިނިކާއެކު، މިހާރު އަލަށް ތަރައްޤީކުރެވޭ ތިން ޖީޕީ ކްލިނިން ހުޅުވުން، މާލެ ސަރަޙައްދުގައި ހަތަރު ޖީޕީ ކްލިނިކް ގާއިމް ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ޕްރައިމަރީ ހެލްތު ކެއާގެ ގިނަ ހިދުމަތްތައް މި ކްލިނިކްތަކުން ދެއެވެ. މާލެ ސަރަހައްދުގައި ގާއިމްކުރެވިގެންދާ ހަތަރު ޖީޕީ ކްލިނިކާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަމާޒަކީ ހުރިހާ ސިޓީތަކެއްގައިވެސް މިއަހަރު ޖީޕީ ކްލިނިކްގެ ހިދުމަތް ފެށުން ކަމަށެވެ.

ސިޓީތަކަށް ފަހު އާބަން ސެންޓަރުތަކަށް މި ޚިދުމަތް ފުޅާކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސް ޓަވަރުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު އިފްތިތާހުކޮށްދެއްވީ ނޮވެމްބަރ 19، 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު