ENGLISH

28 އޭޕްރީލު 2026

Advertisement

ސައުތު ރީޖަން ޒޯން އެކެއްގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފި

25 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ލ. ގަމުން ޗެމްޕިއަންކަން ހޯދުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް

މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ސައުތު ރީޖަން ޒޯން އެކެއްގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފިއެވެ.

ސައުތު ރީޖަން ޒޯން އެކެއްގެ ފައިނަލުގައި ގަމުން ވަނީ 3-0 އިން އެ އަތޮޅު ކުނަހަންދޫ ބަލިކޮށްފައެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ގަމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.

މެޗުގައި ގަމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިސްރު މިޑްފީލްޑަރު، އިމާދު ސޮލިމާން އެލްސައިޑް އެލްހިޓީ (އޮމްޑާ) އެވެ. މީގެތެރެއިން އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ގަމުގެ އަނެއް ލަނޑުޖެހީ ނައިޖީރިއާ ފޯވާޑް، އޮގުންޔެމީ އޮލުވާސޫން އޮލަވާލޭ އެވެ.

ސައުތު ރީޖަން ދެ ޒޯނަކަށް ބަހާލާފައިވާއިރު، ޒޯން އެކަކަށް ކޮލިފައިވީ ގަން، ލ.ކުނަހަންދޫ، ތ.ތިމަރަފުށި، ގއ.ދެއްވަދޫ އަދި ގއ.ވިލިނގިއްޔެވެ. ނަމަވެސް، ތިމަރަފުއްޓާއި ވިލިނގިލީގެ އިތުރުން ދެއްވަދޫން ކޮލިފައިންގައި ބައިވެރިނުވުމާއެކު، މި ބުރުގައި ވާދަކުރީ ހަމައެކަނި ގަމާއި ކުނަހަންދޫ އިންނެވެ.

ސައުތު ރީޖަންގެ ޒޯން އެކެއްގެ ކުޅުން ނިމިފައިވާއިރު، ގަމާއި ކުނަހަންދޫ ވަނީ ސައުތު ރީޖަނަލް ލީގަށް ކޮލިފައިވެފަ އެވެ. މި ބުރުގައި ދެން ވާދަކުރާ ދެ ޓީމެއް އެނގޭނީ ޒޯން ދޭއްގެ މެޗުތައް ނިމުމުންނެވެ. ޒޯން ދޭއްގެ ކޮލިފިކޭޝަންގައި ވާދަކުރަނީ ސ. ފޭދޫ އާއި ގދ. ގައްދޫ އަދި ގދ. ހޯނޑެއްދޫ އެވެ. 

ކިޔުންތެރިންގެ ހިޔާލު