ENGLISH
28 އޭޕްރީލު 2026
ނިއު އަށް ލިބުނު ކާމިޔާބީ އަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ: ޗެއާމަން މުބީން
23 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލައިފަ އޮތް ދަނޑިވަޅެއްގައި ދިވެހި ފުޓްބޯޅަ އަށް ދިރުން ގެނެސްދީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ޗެމްޕިއަން ޓްރޮފީ އުފުލާލައި، މި ހޯދީ ފަހުރުވެރި ކާމިޔާބީ ހާސިލްކުރެވުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް އެ ކްލަބުގެ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީ އިން ގެނެސްދޭ "އިތުރުގަޑި" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިއުގެ ޗެއާމަން، މުބީން ވަނީ، ނިއު އަށް ލިބުނު މި ކާމިޔާބީއާއެކު ވަރަށް ބޮޑު އުފަލެއް ލިބިފައިވާއިރު، މިއީ އެ ކްލަބުގެ ހުރިހާ ސަޕޯޓަރުންގެ އިތުރުން ޖުމްލަކޮށް މުޅި ދިވެހި ކުޅިވަރަށް ވެސް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
"މިދިޔަ ދުވަސްތަކުގައި ކުޅިވަރު، ހާއްސަކޮށް ފުޓްބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ލިބުނު ފުރުސަތެއްގަ އަޅުގަނޑުމެން އައިސް ފަސްޓް ޑިވިޝަނުގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ލިބިގެންދިޔައީ،" މުބީން ވިދާޅުވިއެވެ.
ނިއު އިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހާސިލްކުރި ކުރުމަކީ އެ ކްލަބުގެ ކޯޗިންގ ސްޓާފުންނަށް އެންމެންގެ ފަރާތުން ދިން ފުރިހަމަ އެއްބާރުލުމާއެކު ހެޔޮއެދޭ ވަރަށް ގިނަ ބަޔަކު ޝާމިލުވެ ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި، ވަކިން ހާއްސަކޮށް ނިއު އިން ފުރަތަމަ ޑިވިޝަނުގައި ނެތުމުގެ ސަބަބުން މިހާތަނަށް ހިތްދަތިކަމާއި މާޔޫސްކަމުގައި ތިބި އެ ކްލަބަށް ނިސްބަތްވާ ސަޕޯޓަރުންގެ ގޮތުގައި ގުނާލެވޭ އެކި އެކި ވިޔަފާރިވެރިންގެ ފަރާތުން މާލީގޮތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންގޮސްފައިވާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު، މި ކާމިޔާބީ ސިފަކުރަނީ މުޅި ކުޅިވަރަށް ލިބިދިޔަ ދިރުމެއްގެ ގޮތުގަ،" މުބީން ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި ފުޓްބޯޅަ ވެއްޓިފައި އޮތް ވަޅުގަނޑުން އެރުމަށްޓަކައި ފުރަތަމަ ޑިވިޝަނަށް ނިއުގެ އެނބުރިއައުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށާއި، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗަކަށްފަހު މެޗަކަށް ކުޅިބަލަން ގަލޮޅު ދަނޑަށް ވަތް ސަޕޯޓަރުންގެ އަދަދު އިތުރުވަމުންއައި ކަމަށް ވިދާޅުވެ، މުބީން ވަނީ އެ މުބާރާތުގެ ފައިނަލް މެޗުން ވެސް ފަހުގެ ތާރީހެއްގެ ނުފެންނަ ވަރުގެ އުފާވެރި މަންޒަރުތަކެއް ފެނިގެންގޮސްފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.
ނިއު އަށް ލިބިގެންދިޔަ މި ހާއްސަ ކާމިޔާބީ އަށް ވާސިލްވެވުނީ ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންގެ ލަފާއާއި އެއްބާރުލުމާއެކު ހުރިހާ ފިކުރެއްގެ މީހުން ހިމެނޭހެން ސަޕޯޓަރުންނާއި އެ ކްލަބަށް ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށާއި، މީގެތެރެއިން ގިނަ ބަޔަކު ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، ނިއު މިހާރު މިއޮތް ހިސާބަށް ގެނައުމަށްޓަކައި ފެށި މަސައްކަތަކީ ވަރަށް ގިނަ ދުވަސްވީ މަސައްކަތްތަކެއް ކަމަށާއި، މިއީ އެއް ދުވަސް ނުވަތަ ދެ ދުވަހުން ކުރެވުނު މަސައްކަތެއް ނޫން ކަމަށާއި، މިއީ ދުރާލާ، މާކުރިއްސުރެ ރޭވިގެން ކުރަމުންއައި ބުރަ މަސައްކަތްތަކެއްގެ ފުރިހަމަ ނަތީޖާ ކަމަށެވެ.
ކޮންމެ ކްލަބެއް ވެސް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ސްޕޮންސަރުންގެ ދައުރުގެ މުހިއްމުކަން ފާހަގަކޮށް، ގިނަ ބައެއްގެ ފަރާތުން ނިމިދިޔަ ސީޒަނުގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ނިއު އަށް ލިބިފައިވާކަމަށް ވިދާޅުވެ، މުބީން ވަނީ ހުރިހާ ސްޕޮންސަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.