ENGLISH

22 އޭޕްރީލު 2026

Advertisement

ރަޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ ސަމާލުވާން އެދިއްޖެ

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރާއްޖޭގައި ހިންގާ ކަމަށް އިސްތިހާރު ކުރާ އެސްއޭއެސް މެޑިކަލް ކޮލެޖް ކަމަށް އެ ކޮލެޖްގެ ވެބްސައިޓްގައިވާ ފޮޓޯއެއް

ރަޖިސްޓްރީނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ ސަމާލުވާން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އެދިއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެސްއޭއެސް މެޑިކަލް ކޮލެޖުގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާ ކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ މަރުކަޒަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށެވެ.  

އެ ބަޔާނުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު: 2021/7 ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ކުށެއް ކަމަށެވެ.

"އާންމުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް މި ދެންނެވި އެސްއޭއެސް މެޑިކަލް ކޮލެޖް، މޯލްޑިވްސްގެ ފަރާތުން އިޝްތިހާރުކުރަމުންދާތީ، މިކަން ދަރިވަރުންނާއި އާންމުންގެ ސަމާލުކަމަށް ގެނެސް އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ." އެ ބަޔާނުގައި ވެއެވެ.

އިސްތިހާރުގައިވާ މި ކޮލެޖްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެމްއެބީއެސްގެ ތިން ޕްރޮގްރާމެއް ކުރިއަށް ގެންދެއެވެ. އެއީ އެލްސަލަރޭޓެޑް އެމްބީބީއެސްގެ ޕްރޮގްރާމަކާއި ތިން އަހަރުގެ އެމްބީބީއެސް ޕްރޮގްރާމެއްގެ އިތުރުން ފަސް އަހަރުގެ އެމްބީބީއެސްގެ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު