ENGLISH

15 އޭޕްރީލު 2026

Advertisement

ސަރުކާރުން އެޅި ފިޔަވަޅުތަކުން ހަނގުރާމައިގައި ރާއްޖެއަށް ކުރި އަސަރު ކުޑަ: މެންބަރު ޒަރީރު

15 އޭޕްރީލު 2026

|

އައިޝަތު ޝާލީން

މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރި އަސަރު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑުޚަބަރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔަނަމަވެސް، ރާއްޖޭގައި ވިއްކާ ތެލުގެ އަގުތަކަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައިނުވާކަމަށެވެ. 

ޔޫރަޕާއި އޭޝިއާގެ ބާރުގަދަ ގައުމުތަކުންވެސް ތެލުގެ އަގު ކޮންޓްރޯލް ނުކުރެވި އަގުތައް އިންތިހާއަށް މައްޗަށް އަރައިގެން ގޮސްފައިވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، މިފަދަ ބޮޑެތި ގައުމުތަކަށްވުރެ ވަސީލަތްތައް މަދުނަމަވެސް ރާއްޖެއިން ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މިކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. އަދި ޚާއްސަ އިސްކަމެއް ދެއްވައިގެން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އަގު ވަކި މިންވަރެއްގައި ހިފަހައްޓަވަމުން ގެންދަވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. 

"މިއީ ކޮންމެ ކޮންމެ ރައީސްއަކަށް ކުރެވޭނެ ކަމެއް ނޫން. އަވައްޓެރި ގައުމުތަކުގައި ޑީސަލް ޕެޓްރޯލް އަގުބޮޑުވި މިންވަރު އަޅުގަނޑުމެންނަށް އެބަ އިނގޭ. އަޅުގަނޑުމެން ގައިމުވެސް އަގުބޮޑުވެއްޖެ. އަޅުގަނޑު މި ދަންނަވަނީ ޔޫރަޕުގެ ބޮޑެތި ބާރުތަކާ އަޅާ ބަލާއިރު، ސައުތު އީސްޓް ރީޖަންގެ ގައުމުތަކާ އަޅާ ބަލާއިރުފައި ދިވެހިރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަ ވަރު ކުޑައޭ. ޚާއްސަކޮށް ޕެޓްރޯލްއާއި ޑީސަލް. ދަތިތަކެއް އެބަހުރި އެހެންނަމަވެސް އެ ދަތިތައް އަޅުގަނޑުމެން މިނެކިރާލާ އިރުގައި ޔޫރަޕުގެ ބޮޑެތި ގައުމުތަކާ އަދި އަވަށްޓެރި ގައުމުތަކާ އަޅާ ބަލާއިރު މާ ބޮޑުތަންވެސް ރަނގަޅު." - މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ރާއްޖޭގެ އިގްތިޞާދާ ގުޅޭގޮތުން އިދިކޮޅުން ފާޅުކުރާ ކަންކަމަށް ރައްދު ދެއްވައި މެމްބަރު ޒަރީރު ވިދާޅުވީ، މިގޮތަށް އިދިކޮޅުން ގޮވާލާ ކޮންމެ ގޮވާލުމަކީ ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ގޮވާލާ ގޮވާލުމެއް ކަމަށެވެ. މިއީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އިދިކޮޅަށް ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ. 

"އަދި ނުދޭ އިނގޭތޯ މި ގައުމު އެ ހާލަތަކަށް. ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ދުނިޔޭގެ އެކި ގައުމުތަކުގެ އިންފްލޭޝަން މައްޗަށް ގޮސްފައި ހުރި ވަރާއި ދިވެހިރާއްޖެ ގޮސްފައި ހުރި ވަރާ. އަދި އިހަކަށްދުވަހަކު ނޫންތޯ އެ ދެއްކީ 500 މިލިއަން ޑޮލަރުގެ ސުކޫކު. ދުނިޔޭގެ ކޮން ގައުމެއްގައިތޯ އޮތީ ހަނގުރާމައިގެ ހާލަތުގައި އެފަދަ ލޯނެއް ދެއްކިފައި. އިތުރު ލޯނެއް ނުނަގައި އެކަންވެސް އެކުރެއްވީ ރައީސް މުއިއްޒު." - މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ޚަރަދު ކުޑަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި މެދުނުކެނޑި ލިބޭނެ ގޮތް މަގުފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން އެސްޓީއޯ މެދުވެރިކޮށް ހެޔޮއަގުގައި އަސާސީ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމާއި، ސަރުކާރުން އެފްއެސްއެމް މެދުވެރިކޮށް ވިއްކާ ތެލުގެ އަގުވެސް އެއްހަމައެއްގައި ވަނީ ހިފަހައްޓާފައެވެ. މިފަދަ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ދަތިނުވާނެހެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު