ENGLISH
14 އޭޕްރީލު 2026
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމި ނިންމުން ހާރިޖިއްޔާއިން ކުށްވެރިކޮށްފި
14 އޭޕްރީލު 2026
|
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން 34 ސަރަހައްދެއް ވަނީ ކަނޑައަޅާފައި.
އެންމެ މަޤްބޫލު
ސަހްޔޫނީން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި، އިތުރު 34 ސަރަހައްދެއް ކަނޑައެޅުމަށް ޔަހޫދީ ސަރުކާރުން ސިއްރިއްޔާތުގައި ނިންމި ނިންމުން ދިވެހި ހާރިޖިއްޔާއިން ކުށްވެރިކޮށްފި އެވެ.
ސަހްޔޫނީންގެ ހައްދު ފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މި އަމަލަކީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅުމަށް ހިންގަމުންދާ ޖަރީމާތަކުގެ ބައެކެވެ.
ޔަހޫދީ ސަރުކާރުން އަލަށް ކަނޑައެޅި 34 ތަނުގެ ތެރޭގައި ޣައިރުގާނޫނީ 10 ސަރަހައްދެއް ހިމެނެ އެވެ.
ޔަހޫދީންގެ މި އަމަލު ކުށްވެރިކޮށް ނެރުނު ބަޔާނުގައި ދިވެހި ހާރިޖިއްޔާއިން ބުނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުން ގެދޮރުން ނެރެލުމަށް ރޭވުންތެރިކަމާއެކު ޔަހޫދީން ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ، ހިންގާ ބޮޑު ރޭވުމެއްގެ ބައެއް ކަމަށެވެ. މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ ކަނޑައެޅިގެން ހިލާފުކަމެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އިސްރާއީލުން ހިންގާ މިފަދަ ޣައިރު ގާނޫނީ އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބަޔާނުގައި ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ބަޔާން ނިންމާލަމުން ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ މިނިވަންކަން ހޯދައިދީ، އެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުން މަތީ ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަގީންކަން ހާރިޖިއްޔާއިން ވަނީ ދީފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ހަނގުރާމައިގައި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި، އަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ބަޔާން ނިންމާލަމުން ހާރިޖިއްޔާއިން ފާހަގަކޮށްފައިވެ އެވެ.