ENGLISH
13 އޭޕްރީލު 2026
ފަސް ގޮނޑިއަކަށް މެންބަރުން ހޮވުމަށް ދެވަނަ ބުރެއް، ވޯޓް އަންނަ ހޮނިހިރު ގައި
12 އޭޕްރީލު 2026
|
އިންތިޚާބެއްގައި މީހަކު ވޯޓް ދިނުމުގެ ކުރީން އިނގިލީގައި ފާހަގަ ޖަހަނީ
އެންމެ މަޤްބޫލު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރެއް އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު ދެވަނަ ބުރު ފަސް ގޮނޑިއަކަށް ބާއްވަން ނިންމައިފި އެވެ.
ދެވަނަ ބުރެއް ބާއްވަން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުބުރު ބާއްވަނީ ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި އަދި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި) ގެ ގޮނޑި އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރު ބާއްވަނީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެވެ.
މި އިންތިޚާބުގައި ވޯޓުލާ މަރުކަޒު ޤާއިމުކުރާނީ، ވޯޓުލާ ދާއިރާތަކަށް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ އިތުރުން މާލެ ސިޓީގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 19 ވާ އާދިއްތަ ދުވަހު އެވެ.