ENGLISH
12 އޭޕްރީލު 2026
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް
12 އޭޕްރީލު 2026
|
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް-- ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް އަރާފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ މިއަދުގެ ނިޔަލަށް 103،212 ފަތުރުވެރިންނެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނާގައި އޮތީ ރަޝިޔާ އެވެ. އަހަރުގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އަހަރު ފެށުނު އިރު ރަޝިޔާ އޮތުމަށްފަހު، ދެވަނައަށް ވެއްޓުނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމާ ގުޅިގެން، މިހާތަނަށް ލިސްޓުގެ އެއްވަނަ ޗައިނާއިން އަންނަނީ ދަމަހަށްޓަމުންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް ރަޝިޔާއިން ރާއްޖެ އައިސްފައިވަނީ 87،340 ފަތުރުވެރިންނެވެ. ލިސްޓުގެ ތިން ވަނާގައި އޮތީ އިނގިރޭސި ވިލާތެވެ. އެގައުމުން 67،012 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 69 އިންސައްތަ ނުވަތަ 476،187 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 25.9 އިންސައްތަ އެވެ. އެއީ، 178،488 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ހޮޓާތަކަށް 19،263 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 15،067 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 685،281 ފަތުރުވެރިން އެތެރެވެފައިވެ އެވެ. އަދި ގަން އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 2897 ފަތުރުވެރިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަރުރުވެރިންގެ އަދަދުވަނީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 1.3 އިންސައްތަ ދަށްވެފަ އެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ މެދިއުރުމަތީގެ ހަނގުރާމައާއި ގުޅިގެންނެވެ.