ENGLISH

09 އޭޕްރީލު 2026

Advertisement

ކަނޑުވެ ނުވަ ގަޑިއިރު: 87 އަހަރުގެ އަފީފްގެ ގަދަ ހިތްވަރަށް ސާބަސް

09 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ރޭ ހިނގި ކަނޑުމަތީގެ ހާދިސާގައި ކަނޑުވި އުމުރުން 87 އަހަރުގެ އަފީފް. ކަނޑުމަތީގައި 9 ގަޑިއިރު ދެއްކި ހިތްވަރަށް އެންމެން ކުރަނީ ތައުރީފް

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ރޭ ދަންވަރު ބަނޑުންޖަހާލައި، އެ ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ކަނޑަށް ގެއްލުނު އުމުރުން 87 އަހަރުގެ ގއ. ކޮލަމާފުށީ، އިސްމާޢީލް އަފީފް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވަގުތުން ފެށި އެވެ. 

ރޭ ދަންވަރު 1:25 ހާއިރު އެ ބޯޓު އަޑިއަށް ދިޔައީ ލ. އަޮޅުވެލި ކަރިީގައި އޮންނަ ފަރަކަށް އަރައިގެންނެވެ. އޭރު ބޯޓުގައި ތިބީ ދެ ދިވެހިންނާއި ބިދޭސީންނެވެ. އޭގެތެރެއިން އެއް ބިދޭސީއަކު އެވަގުތު އޮޅުވެއްޔަށް ފަތާފައި ގޮސް އެރި އެވެ. ބާކީ ތިބި 12 މީހުންގެ ތެރެއިން 11 މީހަކު އޮޅުވެލި ރިސޯޓުގެ ދޯންޏަކުން ސަލާމަތްކުރި އެވެ. ސަލާމަތްކުރި މީހުންގެ ތެރޭގައި އެކަކު ނެތުމުން، އޭނާ ހޯދަމުންދާކަން ފުލުހުން ރޭ ދަންވަރު ހާމަކުރިއެވެ. އެއީ އުމުރުން 87 އަހަރުގެ އަފީފެވެ. 

އަފީފް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ފެނުނީ މިއަދު ހެނދުނު 10 ޖަހަނިކޮށް ކަނޑުމަތިން އޮޔާދަނިކޮށެވެ. އަފީފް އޭރު އޮތީ ޕެލެޓެއްގައި ހިފަހައްޓައިގެންނެވެ. އަފީފް ފެނުނުއިރު، ބިޔަ ރާޅުތަކުގެ ތެރޭގައި ޕެލެޓެއްގައި ހިފަހައްޓައިގެން އޮންނަތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ވަނީ ވެފައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ހިއްސާކުރި މަޢުލޫމާތުގައި ބުނީ، އަފީފް ޕެލެޓެއްގެ މަތީގައި އޮއްވައި ފެނުނީ އެ ސަރަޙައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އަފީފް ފެނުމާއެކު، ދޯންޏަށް ނަގައި އަވަސް ފަރުވާއަށް ގެންދިޔައީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. 

އަފީފް ސަލާމަތްކުރި ވީޑިއޯގެ ބައެއް މަންޒަރުތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަފީފް ޕެލެޓެއްގައި ހިފަހައްޓައިގެން ބިޔަ ރާޅުތަކުގެ ތެރޭގައި އޮތީ ގަދަ ހިތްވަރާއެކު އެވެ. 

އަފީފް ސަލާމަތްކުރުމަށް ރިންގެއް ކަނޑުމައްޗަށް އެއްލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އޭރު ހިތްވަރާއެކު އަފީފް ޕެލެޓްގައި ހިފަހައްޓައިގެން އޮންނަ މަންޒަރު ފެނެ އެވެ. އަފީފް ދޯންނަށް އެރުވުމުގައި ބިދޭސީއަކު ހަރަކާތްތެރިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ގުރުއާން ކިޔަވައިދިނުމާއި އިމާމުކަމުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށް އަދިވެސް އެ މަސައްކަތުގައި ދެމި ހުރި އަފީފް ސަލާމަތްކުރާ ވީޑިއޯ މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. ގަދަ ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި އަފީފް ދެއްކި ހިތްވަރަށް އެންމެންވެސް އަންނަނީ ތައުރީފު ކުރަމުންނެވެ. ޚާއްޞަކޮށް އެ އުމުރުގައި ނޫކަށި ފުރައިގެ ޒުވާނެއް ފަދައިން އަފީފް ކުރި ހިތްވަރަކީ އާދަޔާ ޚިލާފު ކަމެއްގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.

ހެޔޮ ހާލުގައި އަފީފް ފެނުމަކީ ކޮލަމާފުއްޓާއި މުޅި ރާއްޖެއަށް މިއަދު ލިބުނު ބޮޑު އުފަލަކަށްވި އެވެ. އުމުރުން 87 އަހަރުގައި ނުވަ ގަޑިއިރު ކަނޑުވެފައި އޮވެ އަފީފް އެ ދެއްކީ އެންމެ ޒުވާން އުމުރުގައި ވެސް މީހަކަށް ނުދެއްކޭނެ ފަދަ އާދަޔާ ޚިލާފު ހިތްވަރެކެވެ. 

ކިޔުންތެރިންގެ ހިޔާލު