ENGLISH
01 އޭޕްރީލު 2026
ހުރިހާ ކަމެއް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން: އީސީ
01 އޭޕްރީލު 2026
|
އިންތިޚާބެއްގައި ވޯޓްލުމަށް ފަހު މީހަކު އޭނާގެ އިނގިލީގައި ޖެހި ފާހަގަ ދައްކާލަނީ --
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ކަންކަން އިންތިޒާމު ކުރެވި ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އެ ކޮމިޝަނުން ބުނީ ކޮމިޝަންގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަޤީގަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި ހަމަ އެހެންމެ ވޯޓުގެ ސިއްރުކަންގެއްލޭގޮތަށް މި ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ވަކިގޮތަކަށް ނުވަތަ ވަކިފަރާތަކަށް ވޯޓުލުމަށް މިކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަަމަށާ ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ކަންކަން ކުރަން ރާވާމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަދި އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ހުސްނުއްސުއޫދު ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.