ENGLISH

31 މާރިޗު 2026

Advertisement

އައްޑުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހަ މަސްދުވަހުން ހައްލު ހޯދައިދޭނަން: މުޝްރިފް

31 މާރިޗު 2026

|

އައިމިނަތު ޝަފާ

އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޝްރިފް އަލީ. ހަ މަސް ދުވަހުން އައްޑޫގެ ބޯހިޔާވަހިކަން ހައްލު ކޮށްދެއްވާނެކަމަށް ވިދާޅުވި. ފޮޓޯ؛ޕީއެންސީ

އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޝްރިފް އަލީ، އެ ސިޓީގެ ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފި އެވެ.

މުޝްރިފް ވިދާޅުވީ އޭނާ މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދެއްވާނެ ކަމަށެވެ.

އައްޑޫގެ ބޯހިޔާވަހިކަމުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޝްރިފް ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކަށް ގޯތި ދޫކުރިކަމުގެ ލިޔުން ދީފައިވީ ނަމަވެސް، އޭގެ ތެރެއިން އެތައް ބަޔަކަށް އަދިވެސް ބިން ހަވާލުކޮށް އިން ވަކިކޮށްދެވިފައެއް ނުވެއެވެ. މީގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން ދޫކޮށްފައިވާ ބިންތަކާއި ފަހުގެ ތާރީޚުތަކުގައި ދޫކުރި ބިންތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން އާދޭސް ދަންނަވައި ސަލާމް ޖަހާތާ އެތައް ދުވަހެއް ވެއްޖެ. ނަމަވެސް ފެންނަނީ ގާތްގުޅުން އޮންނަ ނުވަތަ ސިޔާސީ ގޮތުން މަންފާ ލިބޭނޭ ބަޔަކަށް ނޫނީ އިން ވަކިކޮށް ނުދޭ މަންޒަރު." މުޝްރިފް ވިދާޅުވިއެވެ.

ހިތަދޫގެ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ އިތުރުން ފޭދޫގެ ހާލަތަށް އަލިއަޅުވާލައްވަމުން މުޝްރިފް ވިދާޅުވީ، ފޭދޫއިން ދޫކޮށްފައިވާ ބައެއް ބިންތަކަކީ ކަރަންޓުގެ މައި ކޭބަލްތަކުގެ މަތިން ދޫކޮށްފައިވާ ބިންތަކެއް ކަމަށެވެ. އަހަރެއް ވެގެން ދިޔައިރުވެސް އެ ނުރައްކާތެރި މައްސަލައަށް ހައްލެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ބައެއް ގޯތިތައް ދޫކޮށްފައިވަނީ ކުރީގެ ގަބުރުސްތާނުތައް ނުވަތަ މީހުން ވަޅުލާފައިވާ ސަރަހައްދުތަކުން ކަމަށާއި، އެ އާއިލާތަކުން ގޯތި ބަދަލުކޮށްދިނުމަށް އެދި އާދޭސްކުރާތާ އެތައް ދުވަހެއް ވީއިރުވެސް ކައުންސިލުން އެކަމަށް އިޖާބަދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޝްރިފް އަލީ އިތުރަށް ވިދާޅުވީ، އޭނާގެ މޭޔަރުކަމެއްގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ކަންކަން ހަމަޖައްސައިދޭނީ ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އައްޑޫގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ތަފާތު މަޝްރޫއުތައް ފައްޓަވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ އެރުވި އެވެ.

ކިޔުންތެރިންގެ ހިޔާލު