ENGLISH
31 މާރިޗު 2026
ފޭސް ދޭއްގައި އިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި
31 މާރިޗު 2026
|
ފޭސް ދޭއްގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2 ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް މިރޭ ފަށައިފިއެވެ.
މިރޭ ފޭސް ދޭއްގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ފޭސް ދޭއްގައި އިމާރާތްކުރަނީ އެފޯޑަބަލް ހައުސިން މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްކުރަނީ ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) އިންނެވެ.
މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ބީ.ޔޫ.ސީޖީގެ އިސްވެރީންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ހަތަރު މަޝްރޫޢުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފައެވެ. މިހާތަނަށް އަމަލީ މަސައްކަތް ފަށާފައިވަނީ؛
1- ޗައިނާ މެޝިނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އިން ހުޅުމާލޭ ފޭސް ދޭއްގައި ތަރައްޤީކުރާ 1224 ހައުސިން ޔުނިޓް.
2- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ޙަވާލުކުރައްވައިގެން ވިލިމާލޭގައި ތަރައްޤީކުރައްވާ 300 ހައުސިން ޔުނިޓް.
3- އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެން ހުޅުމާލޭ ފޭސް 1ގައި ތަރައްޤީކުރައްވާ 182 ހައުސިން ޔުނިޓު.
4- (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 1190 ހައުސިން ޔުނިޓް.
މަޝްރޫޢުގެ 2896 ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، މިހާތަނަށް ޢަމަލީ މަސައްކަތް ނުފެށިވާ 364 ޔުނިޓްގެ ބިންގާ އަޅައި، އަދި ޢަމަލީ މަސައްކަތް، އަންގާރަ ދުވަހުގެރޭ ފައްޓާނެއެވެ.
ޖުމުލަ 3260 ޔުނިޓު ހިމެނޭ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.