ENGLISH

30 މާރިޗު 2026

Advertisement

ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި

29 މާރިޗު 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ، ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ތަރައްޤީކުރާ 182 ޔުނިޓުގެ ހައުސިންގ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

މިރޭ ހުޅުމާލެ ފޭސް އެކެއްގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. 

މި މަޝްރޫޢު ކުރިއަށްގެންދާނީ ބީއެމްއެލްގެ އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑުން، އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. 

ހުޅުމާލޭ ފޭސް 1ގައި ތަރައްޤީކުރައްވާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 182 ހައުސިންގ ޔުނިޓުގެ، ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލްއާއި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލޭ ފޭސް 1ގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ. މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.

މި ސްކީމްގެ ދަށުން، މިހިނގާ މާރިޗުމަހުގެ ތެރޭގައި 3 މަޝްރޫޢުގެ ބިންގާ އެޅި، ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. އޭގެތެރޭގައި ޗައިނާ މެޝިނަރީ އިންޖިނޭރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އިން ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 1224 ހައުސިންގ ޔުނިޓާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢު ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ބިންހިއްކައި ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު