ENGLISH
26 މާރިޗު 2026
ހަނގުރާމައިގެ ހާލަތުން ރާއްޖެއަށް ފައިދާ ހޯދޭނެ، ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރަންޖެހޭ: ޖާބިރު
26 މާރިޗު 2026
|
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު
އެންމެ މަޤްބޫލު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހާލަތުގައި ރާއްޖެއަށް ފައިދާ ހޯދޭނެ ގޮތްތަކެއް ހުންނާނެކަމަށާއި، ވިޔަފާރިއާއި އިގުތިސާދީ ހަރަކާތްތަކަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކޮށް އެ މަންފާ ހޯދުމަށް މަސައްކަތްކުރަންްޖެހޭ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރު ކުޑަވާނެ ގޮތަށް ހާލަތު މެނޭޖުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުންދާ ކަމަށެވެ. ކޮވިޑް-19ގެ ހާލަތުގައި އެއިރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ބިރުފުޅުގަަނެވަޑައިގެން އެ ހާލަތުގައި ކުރައްވައިގެންނުވާނެ ގިނަ ކަންތައްތަކެއް ކުރެއްވި ނަމަވެސް މި ހަނގުރާމައާ ގުޅިގެން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅުއްވަމުންނުދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އެހެންނަމަވެސް މި ހާލަތުގައި އެއްވެސް ޕެނިކްވުމެއް ނެތި ރައީސް އަދި މި ސަރުކާރުން އެބަ މެނޭޖުކުރައްވައޭ. އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަމޭ. އެހެންނޫންނަމަ ޕެނިކުވެގެން ވަރަށް ގިނަ ކަންކަންކޮށް ރައްޔިތުންނަށް ވަރަށް ދަތިވާނެ ހާލަތަކަށް ހިނގައިދާނެ. އަދި ސަރުކާރުން ޔަގީންކަންދޭ ރާއްޖޭގައި ތެޔޮ ހުންނާނެކަމާއި، ކާޑުގެ ބާވަތްތައް ލިބޭނެކަމާއި، ފަތުރުވެރިންނަށް ދަތިނުވާނެހެން ހުރިހާ ކަމެއް ހަމަޖައްސައިގެން މެހެމާންދާރީ އަދާކުރެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދޭނޭ،" ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގައި މީހުންނަށް ނުރައްކާތެރި ދަތި ހާލަތެއް ނެތްކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ އެ އަމާންކަމާއި ހަމަޖެހުމާއި ރައްކާތެރިކަން ރާއްޖޭގައި އޮތްކަން ބޭރުގެ ފަރާތްތަކަށް ބުނެދީ ރާއްޖެއަށް އަންނަން ފަތުރުވެރިންވެސް ޝައުގުވެރިކުރުވަންވީ ކަމަށެވެ. އަދި މިއަދު ޓޫރިޒަމް ޕްރޮމޯޓުކުރަމުންދަނީ ސަރުކާރާއި ވިޔަފާރިވެރިންކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ މި ހާލަތުގައި އެންމެން ރާއްޖެ ޕްރޮމޯޓުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ފަތުރުވެރިކަން ނޫން އެހެނިހެން ސިނާއަތްތަކާއި ވިޔަފާރިތައް ފުޅާކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ފަދަ ނިޒާމުތައް ހަރުދަނާކޮށް ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
"އެއްވެސް ބަޔަކު ހަނގުރާމަކުރުމަށް ދިވެހިންނަކީ ތާއީދުކުރާ ބައެއް ނޫން. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކަހަލަ ޕީސްފުލް ގައުމަކަށް މިކަމުން އެޑްވާންޓޭޖުތަކެއް ހުންނާނެ. އަޅުގަނޑުމެންނަކީ މިއަދާ ހަމައަށް ހޮލިޑޭ ވިއްކައިގެން އުޅޭ ބައެއް. ހޮލިޑޭއަށްތުރެ އިތުރުކޮށްލަންޖެހޭ. ބޭންކިން ދާއިރާ ހަރުދަނާކޮށް، ބޭރު މީހުންނަށް ރާއްޖޭގައި ދިގު މުއްދަތަށް އިންވެސްޓުކުރެވޭނެ ގޮތް ހަދައި، އެމީހުންގެ މުދާ ބަހައްޓަން ސޭފް ތަނަކަށް ރާއްޖެ ހަދަންޖެހޭ. މިސާލަކަށް ދުބާއީ ގަތަރު އަބޫދާބީ އަދި ސިންގަޕޯގެ މޮޑެލްގައި ރާއްޖެ އޮޕަރޭޓުވެގެންދާށޭ އަޅުގަނޑުމެން ބޭނުންވަނީ،" ޖާބިރު ވިދާޅުވިއެވެ.
ރާއްޖެއަށް މި ހާލަތުގައި އެންމެ މުހިއްމު އެއްކަމަކީ މަދަނީ ވައިގެ އުދުހުންތަކުގެ ދާއިރާއިން އައު މަންޒިލުތަކުން ރާއްޖެއަށް ކުރާ ވައިގެ ދަތުރުތައް އިތުރުކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ.