ENGLISH
25 މާރިޗު 2026
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ބިލު ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތް
25 މާރިޗު 2026
|
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަައި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލުގެނައުމަށް ގާނޫނުއަސާސީއަށް ގެނައުމަށް ފާސްކުރި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގުނުމުގެ ބިލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިސްލާހު ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
މި ބިލު ބާތިލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. އެ މައްސަލައިގަ އަލީ ހުސައިން މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ތަސްދީގުކުރުމުގައި އަމަލުކުރުމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިޖުރާއާތެވެ.
އެގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނީ 15 ދުވަސްކަމަށް ބަޔާންކޮށްފައި އޮންނައިރު އެ މުއްދަތުގައި ބިލު މަޖިލީހަށް އަނބުރާ ނުފޮނުއްވާނަމަ އެ ބިލެއް ތަސްދީގުވީކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އެ މައްސަލާގައި އަލީ ހުސައިން ފާހަގަކުރެއްވިއެވެ.
އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި އެންގެވި އެންގެވުމުގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ ތަސްދީގުނުކުރެވޭނެ އިސްލާހެއް ތަސްދީގުކުރުމުގައި އަމަލުކުރަންޖެހޭނީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ކަމަށެވެ.
އަދި ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން 15 ދުވަހުގެ ތެރޭގައި މަޖިލީހަށް އަނބުރާ ބިލެއް ފޮނުއްވަން ޖެހިވަޑައިގަންނަވާނީ އެ ބިލެއް ތަސްދީގުނުކުރެއްވުމަށް ރައީސް ނިންމަވާ ހާލަތުގައި ކަމަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެެންނަ އިސްލާހު ތަސްދީގުނުކުރެއްވުމަށް ރައީސް ނިންމަވާފައިނުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލާގައި އަލީ ހުސައިން ހުށަހަޅުއްވާފައިވާ ގާނޫނީ ސުވާލަކީ ސައްހަ ސުވާލަކަށްނުވާތީ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާކަން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުން އަންގަވާފައވެއެވެ.
ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށް އެ އިސްލާހު ގެނައުމަށް ރައްޔިތުންނަށް ފެނޭތޯ ނުފެނޭތޯ ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ބާއްވާނީ އަންނަ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހުގައި ކުރިއަށްގެންދާ ލޯކަލް ކައުންސިލު އިންތިހާބާ އެކީގައެވެ.