ENGLISH

20 މާރިޗު 2026

Advertisement

މިއީ، ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް: ޢީދު ޚުޠުބާ

20 މާރިޗު 2026

|

މުޙައްމަދު އަދުހަމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ ފިޠުރުޢީދު ނަމާދުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފިޠުރުޢީދު ދުވަހަކީ، ރަމަޟާން މަހުގައި ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސްކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ.

"ފިޠުރުޢީދުގެ އުފަލާއި އަދަބުތައް" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން ކަމަށާއި، އެއީ މާތް اللهއަށް ޝުކުރުދެންނެވުމަށް ޓަކައި ކުރާ، ޢީދުނަމާދުން ކަމަށެވެ.

މިއީ އަޅަމެންނަށް ހިދާޔަތްދެއްވިކަމަށް ޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށާއި، މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށް ޚުޠުބާގައި ބުންޏެވެ.

"މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެއެވެ. އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެކެވެ. އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެއެވެ. ޢީދުގެ ކުރީން މުއްސަނދީން ފިޠުރުޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދެއެވެ. ޢީދުނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައެވެ." ޚުޠުބާގައި ބުންޏެވެ.

މި ބާއްޖަވެރި ދުވަހު، މާތް الله އަޅަމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، އެކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީންކަމަށްވީއިރު، މި ދީންމަތީގައި ސާބިތުވެ ތިބުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެ ވަޞިއްޔަތްކުރައްވާފައެވެ.

ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި މާތް الله ތިޔަބައިމީހުން އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވިކަމަށް ޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔުމަށް ވެސް ޙުޠުބާގައި ގޮވާލާފައިވެއެވެ.

މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަން ކަމަށާއި، ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުން ފެނިގެންދާއިރު، ފަޤީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަޙުމަތްތެރިކަމުގެ އިތުރުން މާތް اللهއަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރު ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

"ތިޔަބައިމީހުން ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް މިއަދު ގޮވައިލަމެވެ! ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރާށެވެ! މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތަކެވެ. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމެވެ." ޚުޠުބާގައި ބުންޏެވެ.

މިއަދުގެ ޢީދު ޚުޠުބާގައި ވަނީ، ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓައި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދިނުމަށާއި، ޢީދުގެ މާނައަކީ ތަކުރާރުކޮށް އަންނަ މުނާސަބަތެއްކަން ހަނދާންކޮށްދީފައެވެ.

"ރަމަޟާންމަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައެވެ. މާތް الله ޝަރުޢުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާޢަތްތެރިވާ މަހެއްގެ ގޮތުގައެވެ. މުސްލިމުން ރަމަޟާންމަހުގައި، اللهގެ ޙަޟުރަތަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރެއެވެ. ނަމާދުކޮށް، ރޭއަޅުކަންކޮށް، އުޅެއެވެ. ރޯދަމަހަށް ފަހުގައި ވެސް ނަމާދު ޤާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ނަސޭހަތްތެރިވަމެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ރަމަޟާންމަހުގެ ރޯދައަށް ފަހު، ޝައްވާލުމަހު ހިފާ ސުންނަތް ހަރޯދަ ހިފުމުން، މުޅި އަހަރު ރޯދަހިފުމުން ލިބޭހައި ސަވާބު ލިބިގެންދާއިރު، ޖެހިޖެހިގެން ނޫނަސް އެ މަހުގައި ހަރޯދަހިފުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު