ENGLISH

19 މާރިޗު 2026

Advertisement

ރައީސް، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނާއެކު މެދު ހެންވޭރަށް ވަޑައިގެންފި

19 މާރިޗު 2026

|

ޢަލީ ޝަހީމް

މެދު ހެންވޭރު ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ދެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު މިއަދު މެދު ހެންވޭރު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ. 

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ތިން ވޯޓުލުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެކެވެ. 

މި ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮންގްރެސް ޕާޓީގެ ކެމްޕޭނުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަމުންނެވެ. މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންނެވިއެވެ. 

މިއަދުގެ ހަރަކާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންޑިޑޭޓުންނާއެކު އެ ސަރަޙައްދުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައިފައެވެ. އަދި، މަގުމަތިން އާއްމު ފަރާތްތަކާއެކު ވަގުތުހޭދަކުރައްވައި ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ. 

މެދުހެންވޭރު ދޮރުން ދޮރަށް ހަރަކާތް ނިންމާލީ، ކޮންގްރެސް ޕާޓީގެ މައި އޮފީހާ ހަމައިންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ދޮރުން ދޮރަށް ހަރަކާތް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެފަހުން މިއީ އެމަނިކުފާނު މި ހަރަކާތުގައި ބައިވެރިވަޑައިގެންނެވި 21 ވަނަ ދުވަހެވެ. މީގެކުރިން އެމަނިކުފާނު ވަނީ މާލޭ ސިޓީގެ ހުރިހާ ދާއިރާއަކަށް ވަޑައިގެންފައެވެ. މިހާރު ކުރިއަށްދަނީ އެ ދާއިރާތަކުގެ ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރެވެ. 

އިންތިޚާބަށް ތައްޔާރުވުމަށް މާލޭ ސިޓީގެ އިތުރުން މުޅި ރާއްޖޭގައި ކޮންގްރެސް ޕާޓީން އަންނަނީ ވަރުގަދަ ކެމްޕޭނުތައް ކުރަމުންނެވެ. މިއީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ޕާޓީއަކުން މިހާ ފުރިހަމަކޮށް ތައްޔާރުވާ ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު