ENGLISH
17 ފެބްރުއަރީ 2026
މިއީ ކުދި ވިޔަފާރިތައް ކޮޅަށް ޖަހައި ބާރުވެރިކުރުވަން ކުރާ މަސައްކަތުގެ ބައެއް: ޝުޖާއު
17 ފެބްރުއަރީ 2026
|
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު. ފޮޓޯ؛ މަޖިލިސް އިދާރާ
އެންމެ މަޤްބޫލު
މަޖިލީހަށް ބަލައިގަނެ މިހާރު ކޮމިޓީއަށް ފޮނުވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖަހައި ބާރުވެރިކުރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވި މި އިސްލާހަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ މި ބިލުން ހައްލު ގެނެސްދެނީ ވަޒީފާގެ މާހައުލުގައި ކުރިމަތިވަމުން އަންނަ މައިގަނޑު ތިން މައްސަލައަކަށް ކަމަށެވެ.
އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ބަދަލު ގެނައުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ކޯޓާ ފީ އަކީ ވިޔަފާރިތަކުން ދައުލަތަށް ނެގެމުން އަންނަ ބޮޑެތި ފައިސާގެ އަދަދުތަކެއް. ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ފިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެންމެ ބޮޑަށް އައި އެއް މައްސަލައަކީ މިއީ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ނުނެގުމަށް އެބޭފުޅުން އެދިވަޑައިގެންނެވީ. މި އިސްލާހުގެ ސަބަބުން ކޯޓާ ފީ އެއްކޮށް އުވާލެވިގެން ދާނެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައި ބާރުވެރިކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެއް. " - ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
މީގެ އިތުރަށް ވަޒީފާގެ މާހައުލުގައި އުޅެމުންދާ ފަރާތްތަކުން މިހާރު ކުރާ އެންމެ ބޮޑު ޝަކުވާއަކީ މުއްދަތު ކަނޑައެޅިފައި ނުވާ ކޮންޓްރެކްޓުތައް ބާތިލުކުރަމުންދާ ދިޔުންކަމަށް ވިދާޅުވެ، މެމްބަރު ވަނީ އެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ހައްގުތައް ވަރަށް ބޮޑަށް ކަށަވަރުކުރެވޭ ގޮތަށް މި އިސްލާހުގައި ހިމަނާފައިކަން ފާހަގަކުރައްވާފައެެެވެ.
އިސްލާހު ބުނާގޮތުން ކޮންޓްރެކްޓް ނިމޭނެ ތާރީހެއް ކަނޑައެޅިފައި ނުވާ ކޮންޓްރެކްޓްތައް ބާތިލުކުރެވޭނީ މަދުވެގެން ދެ ހަފްތާގެ މުއްދަތެއް ދީފައެވެ.
އަދި ވަޒީފާ އަދާކުރާ އަންެހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސަރުކާރު މުވައްޒަފުންގެ ދަރިންނަށް ދެ އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ހުށަހެޅިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ ކޮމިޓީ މަރުހަލާގައި މި އިސްލާހު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުތައް ގެންނާނެކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުތައް މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މިހާރު ވަނީ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައެވެ.