ENGLISH
18 ފެބްރުއަރީ 2026
ށ. ފުނަދޫގައި އިމާރާތް ކުރާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި
17 ފެބްރުއަރީ 2026
|
ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން--/ ފޮޓޯ، މަތީ ތައުލީމާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިމާާރާތް ކުރާ ސެންޓަރެކެވެ.
17,500 އަކަފޫޓުގެ ބިމުގައި ބިނާކުރާ މި އިންސްޓިޓިއުޓަކީ ޒަމާނީ ވަސލަތްތަކާއެކު ދެ ބުރިއަށް ކުރާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މަތީތައުލީމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހާއި، ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅުގެ އިތުރުން މަސައްކަތް ކުރާސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެގެ އެމްޑީއެވެ.
މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ ށ. ފުނަދޫގައި ތަރައްޤީ ކުރެވޭ ޓިވެޓް ސެންޓަރުގައި، އެކި ފަންނުތައް ދަސްކޮށްދޭ، އެކި ލެވެލްގެ ޓެކްނިކަލް ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވާނެކަމަށެވެ. އަދި މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓަކާއެކު ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަތީ ތައުލީމާއި ބޭޙޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މި މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް، ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމުގެ ފުރުސަތު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމުގައެވެ. އަދި މި ސެންޓަރުގެ ސަބަބުން މި ސަރަޙައްދުގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައެވެ.
އެ ވުޒާރާއިން ފާހަގަ ކުރާ ގޮތުގައި ށ. ފުނަދޫގެ އިންސްޓިޓިއުޓް ގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ފަދަ ތަޢުލީމީ މަރުކަޒަކަށް ބޭނުންވާނެ އެންމެހާ މުހިއްމު ވަޞީލަތްތައް މިތަނުގައި ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވިފައިވަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ އިތުރުން، ށ. ފުނަދޫގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ މަސައްކަތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވޭނެ އިންތިޒާމް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ހަމަޖެއްސުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެވެ. އެގޮތުން ށ. ފުނަދޫގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމު ކުރުމަކީ ށ. ފުނަދޫއަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.