ENGLISH
14 ފެބްރުއަރީ 2026
އެމްޑަބްލިއުއެސްސީގެ ވަރުގަދަ އަޒުމެއް؛ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް މި އަހަރުގެ ނިޔަލަށް ނިންމުން
14 ފެބްރުއަރީ 2026
|
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން، ފޮޓޯ: ޖަވިޔަނި
އެންމެ މަޤްބޫލު
އެމްޑަބްލިއުއެސްސީއާ ސަރުކާރުން ހަވާލުކޮށްފައި ހުރި ތަރައްގީގެ މަޝްރޫއުތައް މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންގޮސް ނިންމައިލުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މަތީނު ވިދާޅުވީ އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ކުރީގައި ފަށައި މަޑުޖެހިފައި ހުރި މަޝްރޫއުތަކެއް ކަމަށެވެ.
އަދި އެ ކުންފުނިން މިހާރު އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ މިގޮތަށް ކުރިއަށްގެންދާ އެއްވެސް މަޝްރޫއެއް ނުހުއްޓި ކުރިއަށްދާނެކަން ޔަގީންކުރެއްވުން ކަމަށްވެސް މަތީނު ވިދާޅުވިއެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުުގައި ރަށްރަށުގައި މަޝްރޫއުތައް ހިންގުމުގައި ބައެއް ކަހަަލަ ކުންފުނިތައް ކުރިމަތިވެއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ މީހުން ނުލިބުމާއި ލޮޖިސްޓިކްސް ބައެއް ދަތިތައް ކުރިމަތިވާކަން މަތީނު ފާހަގަކުރެއްވިއެވެ.
މަތީނު ވިދާޅުވީ އެ ހުރިހާ ގޮންޖެހުންތަކާއެކުވެސް މިހާރު އެ ކުންފުނިން ކުރަމުންދާ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އެ ހުރިހާ މަސައްކަތެއް މި އަހަރު ތެރޭ ނިންމައިލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ކުންފުނީގެ އަމާޒަކީ، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހުރިހާ މަޝްރޫއެއްގެ މަސައްކަތް މިއަހަރުތެރޭ އެއްކޮށް ނިންމާލުން.،" މަތީނު ވިދާޅުވިއެވެ.
މި އަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑަައިގެންނެވި ފަހުން 42 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށް 39 ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހިންގައި ނިންމާފައިވެއެވެ.
އަދި އެމަނިކުފާނުވަނީ ކުރިއަށް އޮތް 18 މަސް ތެރޭ އިތުރު 51 ރަށެއްގައި ފެނުގެ ނިޒާމު އަދި 40 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވައި ނިންމަވާނެކަން އިއުލާނުކުރައްވާފައިވެއެވެ.