ENGLISH
14 ފެބްރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް: ވިކްޓްރީ ބަލިކޮށް، ބުރަށް ސެމީގެ އުއްމީދެއް
14 ފެބްރުއަރީ 2026
|
މުބާރާތުގައި ވިކްޓްރީއާ ބުރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ސިޑިބަރި / ބުރު ސްޕޯޓްސް ކްލަބް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އެކެއްގައި ވިކްޓްރީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.
މި ނަތީޖާއާއެކު، ބުރު އުޅެނީ ގްރޫޕް އެކެއްގެ ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ މާޒިޔާއާ އެއްވަރަށް ބުރަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ދެން ބާކީ އޮތީ ވިކްޓްރީއާ މާޒިޔާ ބައްދަލުކުރަން ޖެހޭ މެޗެވެ. ވިކްޓްރީ އަށް މިހާތަނަށް ކުޅުނު މެޗުން ޕޮއިންޓެއްނުލިބެއެވެ. އެހެންކަމުން، މި ގްރޫޕުގެ ސެމީގެ ޖާގަތައް ކަށަވަރުވާނީ އެންމެ ފަހު މެޗަށްފަހު އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.
ބުރުން ލީޑުނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް، ވިކްޓްރީން އެއްވަރުކުރީ އެ ޓީމުގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލަޗްނީ ވައްދާލި ލަނޑުންނެވެ.
މި މެޗުން ބުރު މޮޅުވި ލަނޑުވެސް ކާމިޔާބުކޮށްދިނީ ހަޑްސަން ޑިއާޒް އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ހަޑްސަން ޑިއާޒް މި ލަނޑުޖެހީ އެ ޓީމުގެ ޢަބްދުﷲ ޔާމީން (ޔާނު) ދިން ބޯޅައެއްގެ އެހީގައެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުތަކުގައި މި މަހުގެ 16 ވާ ހޯމަ ދުވަހުގެ ހަވީރު ގްރޫޕް ދޭއްގެ އޮޑި ސްޕޯޓްސް ކްލަބު ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ހަމަ އެ ދުވަހުގެ ރޭގަނޑު ގްރޫޕް އެކެއްގައި ހިމެނޭ މާޒިޔާ ބައްދަލުކުރާނީ ވިކްޓްރީއާ އެވެ.
މުބާރާތް ރޭވިފައިވާގޮތުން، ދެ ގްރޫޕުން ވެސް އެންމެ ކުރިހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު، ކޮންމެ ގްރޫޕެއްގެ އެއްވަނައާ ދެވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީގެ މި މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ސެމީގެ މެޗުތައް މި މަހުގެ 20 އަދި 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އެވެ.