ENGLISH

08 ފެބްރުއަރީ 2026

Advertisement

ރާއްޖެ އެކްސްޓާނަލް ޑިފޯލްޓަކަށް ދިއުމުގެ ބިރު މިހާރަކު ނެތް: ޒަމީރު

08 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު. ފޮޓޯ؛މާލީ ވުޒާރާ

ރާއްޖެ އެކްސްޓާނަލް ޑިފޯލްޓަކަށް ދިއުމުގެ ބިރު މިހާރު ނެތް ކަމުގެ ޔަގީންކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ.

މިއަހަރު ރާއްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ސަރުކާރުން ހަމަޖައްސައި، މިހާރުވެސް އެ ފައިސާ ދެއްކޭނެ ހާލަތަށް ރިޒާވް ވަރުގަދަކޮށްފައިވާކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ޖުމްލަ ރިޒާވް މިހާރު ހުރީ 1.1 ބިލިއަން ޑޮލަރުގައެވެ. ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓަށް ބޭނުންވާ ފައިސާ އުނިކުރުމަށްފަހު، ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 291 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ އިތުރުން، ފަހަށް ރައްކާކުރާ ފަންޑު ނުވަތަ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ގައި މިހާރު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ.

މިއާއެކު، ދަރަނި އަދާކުރުމަށްޓަކައި އެމްއެމްއޭގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 566 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިއޭޕްރީލް މަހު އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރުގެ ބޮޑު ދަރަނީގެ ބޮޑު ބައެކެވެ. މީގެ ތެރޭގައި ހިމެނެނީ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ބޮންޑަކާއި 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެކެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، މިހާރު ރިޒާވްގައި ހުރި ފައިސާއަކީ އެއްވެސް އެހެން ކަމަކަށް ބޭނުންނުކޮށް ރައްކާކޮށްފައި ހުރި ފައިސާ ކަމަށެވެ.

"މީގައި ފާހަގަ ކޮށްލަން ޖެހެނީ އެ ފައިސާ ބަހައްޓާފައި ހުރީ ސަރުކާރަކަށް އެއްވެސް ބޭނުމެއް ނުކުރަން. ސަރުކާރުން މިދިޔަ އަހަރުތަކުގައިވެސް މި އަހަރުވެސް އެ ފައިސާ ބޭނުމެއް ނުކުރަން. އެހެންވީމަ ގަވަރުނަރު ބޭނުންވާ ވަގުތެއްގައި ސެޓަލް ކުރެވޭ ގޮތަށް އެ ހުރީ." - މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު

ވަޒީރު އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ކުރިން އޮތް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ޕްރޮގްރާމަކަށް ދާންޖެހޭ ކޮންޑިޝަން، ދެ ގައުމުގެ މަޝްވަރާއަށްފަހު މިހާރު އުނިކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެކުއެޒިޝަން ކޮސްޓް ފަދަ ކަންކަމުން އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭތީ، ދަރަނި ދައްކަން އިތުރަށް ހޯދަން ޖެހޭނީ އެންމެ 150 މިލިއަން ޑޮލަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ޔަގީންކަން ދެއްވި ގޮތުގައި، ރާއްޖެ އެކްސްޓާނަލް ޑިފޯލްޓަކަށް ދިއުމުގެ ބިރު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ބޭރުގެ މާކެޓުން ދަރަނި ނަގަން ޖެހުނަސް، މީގެ ކުރީގެ ސަރުކާރުން ނަގާފައިވާ ރޭޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިސާ ހޯދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު