ENGLISH

14 ފެބްރުއަރީ 2026

Advertisement

ވިކްޓްރީ އާއި އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕުން ޖާގަ ހޯދައިފި

09 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

މީގެކުރީން ކުޅުނު މެޗެއްގައި ލަނޑުޖެހުމަށްފަހު ވިކްޓްރީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭއޮފް މެޗުތައް ކާމިޔާބުކޮށް، ކްލަބް އީގަލްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.

މުބާރާތަށް ކޮލިފައިވުމަށް ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 6-0 އިން އީގަލްސް މޮޅުވިއިރު، ވިކްޓްރީ އިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރީ 2-0 އިންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވިކްޓްރީން ވަނީ ކޮންމެ ހާފެއްގައި ގޯލެއްޖަހައިފައެވެ. ރޭގެ މެޗުގައި ވިކްޓްރީގެ ފުރަތަމަ ލަނޑު، 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދު އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 13 ވަރަކަށް މިނެޓުގެ ތެރޭގައި ވިކްޓްރީ އަށް ލީޑުފުޅާކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ޕްލޭއޮފްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސްގެ ހަ ލަނޑުގެ ތެރެއިން، އެ ޓީމުގެ ފޯވާޑް، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހެޓްރިކް ހެދިއެވެ. އީގަލްސްގެ އަނެއް ތިން ލަނޑުގެ ތެރެއިން އެއް ގޯލަކީ ގްރީން ސްޓްރީޓްސްގެ އެލްސާއެދު މަހުމޫދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ މުޙައްމަދު ޝަމްހާން އާއި އަލީ ހާފިޒް (ހާއްޕެ) އެވެ.

މި މެޗުތަކަށްފަހު ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕްތައް ބެހިފައިވާ ގޮތް ވަނީ ކަނޑައެޅިގެންގޮސްފައެވެ. ގްރޫޕް އެކެއްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ ވިކްޓްރީ އެވެ. މުބާރާތުގެ ގްރޫޕް ދޭއްގައި ހިމެނެނީ؛ އީގަލްސްގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

މުބާރާތް ރޭވިފައިވާގޮތުން، ދެ ގްރޫޕުން ވެސް އެންމެ ކުރިހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު، ކޮންމެ ގްރޫޕެއްގެ އެއްވަނައާ ދެވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީގެ މި މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

އެންމެ ފަހުން "ޕްރެޒިޑެންޓްސް ކަޕް" ބޭއްވީ 2023 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިނަލުގައި ކްލަބް އީގަލްސް ބަލިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު