ENGLISH
01 ފެބްރުއަރީ 2026
ރޭގެ ނިޔަލަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި
01 ފެބްރުއަރީ 2026
|
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރޭގެ ނިޔަލަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މުޅި ރާއްޖޭގައި ރޯދަ ހަދިޔާ ބެހުން ކުރިއަަށް އެބަދޭ. މާލޭގައި ރޭގެ ނިޔަލަށް 26,739 މަސްދަޅު ކޭސް ވަނީ ދޫކޮށްފައި." ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މިިހާރު ރޯދަ ހަދިޔާ ދޫކުރަމުން އަންނަ ތަންތަނުން އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަނީ މިފްކޯ މައި މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ގަލޮޅު ދަނޑު އަދި ހެންވޭރު ދަނޑުގައެވެ.
ހުޅުމާލޭ ފޭސް އެކަކުން މަސްދަޅު ކޭސް ދޫކުރާނީ ޢުމްރު ޒާހިރު ޢިމާރާތުންނާއި، ޕޮލްކޯ ޓަވަރުންނާއި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުންނެވެ. އަދި ހުޅުމާލެ ފޭސް ދެއަކުން މަސްދަޅު ކޭސް ދޫކުރާނީ ކާމިލްދީދީ ޕްރީ ސްކޫލުންނާއި، ހިޔާ ޓަވަރު 10ގެ އިތުރުން އެމްޕީއެލް ޓަވަރު ޕީ އިންނެވެ. މީގެއިތުރުން ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަށްރަށުގައި ކުރަމުން އަންނަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ގޭބީސީއަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.
މި ސަރުކާރު އައިފަހުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ރައްޔިތުންނަށް އަންނަނީ ރޯދަ ހަދިޔާ ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރީ މަސްދަޅު ކޭހެވެ. މިއަހަރުގެ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.