ENGLISH
09 ޖެނުއަރީ 2026
މި ސަރުކާރުން އަޅާ ފްލެޓްތަކުގައި މި ދައުރުގައި ދިރިއުޅެން ފެށޭނެ: ހައުސިންގ މިނިސްޓްރީ
07 ޖެނުއަރީ 2026
|
އެފްޑީސީ ފްލެޓްތައް--ފޮޓޯ: އެމްއެމްޓީވީ
ސަރުކާރުގެ " ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" މަޝްރޫއު ނިމި، ރައްޔިތުންނަށް އެތަންތަނުގައި މި ރިޔާސީ ދައުރުގައި ދިރިއުޅެން ފެށޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ނާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރާއި ބައިގެ ތެރޭ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ރިޔާސީ ދައުރުގެ ތެރޭގައި ރައްޔިތުންނަށް އެތަންތަނުގައި ދިރިއުޅުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ އެ މަޝްރޫއު މިދައުރުގެ ތެރޭގައި ނިންމާލުމަށް ވަރަށް އަވަދިނެތި، ބާރު ސްޕީޑްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6،700 ހައުސިން ޔުނިޓުގެ މަޝްރޫޢު އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ. އަދި ހަމަ އެއާއެކު މީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު އަކީ 3000 ހައުސިން ޔުނިޓްގެ މަޝްރޫއު އެވެ. ބީއެމްއެލް އިން މިހާރު ވަނީ އެ މަޝްރޫއަށް ބޭނުންވާ ބިން ދެ ކޮންޓްރެކްޓަކާ ހަވާލު ކޮށްފައެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ޖުމްލަކޮށް މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫއަކަށް ބަލާލާއިރު އެކު އެކީގަ ބާރަހާހަށް ވުރެ ގިނަ މަޝްރޫއު މިއަހަރު ފެށޭނެ ކަމަށެވެ. މަޝްރޫއުތަކުގެ މުއްދަތަކީ 24 މަހާއި 30 މަހާ ދެމެދު ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މަސައްކަތް ނިންމުންކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.