ENGLISH
05 ޖެނުއަރީ 2026
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ބިލް މާދަމާގެ ޖަލްސާގައި
04 ޖެނުއަރީ 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލް ހުށައެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ.
މި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ އޮންނަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. މާދަމާގެ ޖަލްސާ އަކީ ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާ އެކެވެ.
މި ބިލްގައިވާ ގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅާނެ އެވެ. އެހެން ކަމުން އެފަދަ ކަމެއް ކޮށްފި މީހަކު އެއް އަހަރާއި ހަތަރު އަހަރަށް ޖަލަށް ލެވޭނެ އެވެ.
ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުމަކީ އިސްލާމްދީނުގަައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފަ އެކެވެ. ނަމަވެސް ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި މި ނުބައި ފާފަ ކުރުން ދަނީ ފުޅާވެ އިތުރުވަމުންނެވެ.
ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަކަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކުޅިވަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑަައިގެން މިފަދަ ނުބައި އެތައް ދޮރެއް ބަންދު ކުރެއްވުމަށް ޤާނޫނަށް ބަދަލުތައް ގެނައުމާއި އެ ނޫން ވެސް މުހިންމު އެތައް ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުންނެވެ. މިއީ ކުރީގެ ވެރީންނަށް އަޅުއްވަން ކެރިވަޑައިނުގެންނެވި ބައެއް ފިޔަވަޅުތަކެވެ.
އިސްލާމްދީނުގައި ޖުވާކުޅުން ޙަރާމްކުރައްވާފައި ވަނީ، އެކަމަކީ ފާފަވެރިވާ އަދި ގެއްލުންހުރި މުޑުދާރު ޢަމަލަކަށްވާތީ ކަމަށް ޢިލްމުވެރީން ވިދާޅުވެ އެވެ.
ޖުވާގެ ތެރޭގައި ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ނަޞީބު ނަންބަރު ނެގުމާއި ކެސީނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި ބެޓުކުރުން ހިމެނެ އެވެ.