ENGLISH
31 ޑިސެމްބަރު 2025
މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން ޒަކާތު ހައުސްއާ މިރާއާ ދެމެދު އެއްބަސްވުމެއް
31 ޑިސެމްބަރު 2025
|
މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން ޒަކާތު ހައުސްއާ މިރާއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރުން --
މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސް އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ވަރަށް ތާރީޚީ އެއްބަސްވުމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ތަނުގައިވެސް ޒަކާތް ނެގުމުގެ މަސައްކަތް މީރާއިން ވަރަށް ހަރުދަނާ ގޮތެއްގައި ކުރައްވާފައިވާކަ މަށާއި ޒަކާތުގެ ޤާނޫނު ތަންފީޒުވެގެންދާއިރު، މި މަސައްކަތް މިގޮތުގައި މީރާއިން ކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޒަކާތުގެ ކަންކަމާއި ޞަދަޤާތް އަދި ވަޤްފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން ވުޒާރާއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މީރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޒަކާތުގެ ޤާނޫނު ތަންފީޒުވެގެންދާއިރު ޒަކާތު ކައުންސިލްގައި މީރާގެ ފަރާތުން ބޭފުޅަކު ހިމެނޭ ގޮތަށް ހަމަޖެހިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި މީރާއާއި ވުޒާރާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެެއްގެ ގޮތުގައި މީރާ ހިމެނިފައިވުމަކީ އެ އިދާރާއަށް ލިބިގެންދާ އުފަލެއް ކަމަށާއި އަދި މި މަސައްކަތާއެކު މީރާއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ. މީގެ އިތުރުން މީރާއިން މިކަމުގައި ކުރަމުންދާ މަސައްކަތުގައި، ދޭން ޖެހޭ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.
މުޅިން އަލަށް ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށް މާދަމާ ތަންފީޒުކުރުމަށް ފެށިގެންދާއިރު، މިއީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގައި ހިމެނިގެން ކުރެވޭ މުހިއްމު އަދި ތާރީޚީ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.