ENGLISH
31 ޑިސެމްބަރު 2025
އުފާވެރި ހަބަރެއް؛ ހުރިހާ ބާވަތެއްގެ ތެރަޕީއަށް އާސަންދަ ހަމަޖައްސަނީ
31 ޑިސެމްބަރު 2025
|
ހުރިހާ ތެރަޕީއަކަށް އާސަންދަ ހަމަޖެހުމަކީ ލިބޭ ވަރަށް ބޮޑު ލުޔެއް،
ރާއްޖެގެ ކްލިނިކުތަކާއި ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހުރިހާ ބާވަތެއްގެ ތެރަޕީތައް އާސަންދަ ސްކީމުގެ ތެރެއިން ފޯރުކޮށްދޭ ގޮތަށް ހަމަޖައްސައި ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އެ ހިދުމަތްތަކަށް އާސަންދަ ފޯރުކޮށްދޭ ގޮތަށް ނިންމައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ޖަނަވަރީ 1 2026 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އައު ޕްރޮގުރާމުތައް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމު އިފުތިތާހުކުރެއްވި ޕްރޮގުރާމުތަކުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ތެރަޕީ އާސަންދައިގެ ތެރެއިން ފޯރުކޮށްދޭން ފެށުން ހިމެނެއެވެ.
މީގެ ކުރިން އެކި ބާވަތުގެ ތެރެޕީތަކަށް އާސަންދަ ފޯރުކޮށްނުދޭތީ ތެރަޕީ ހެދުމަށް މީހުންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އަދި ދައުލަތުގެ ފަރާތުން ތެރަޕީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެމުންއައީ އެންސްޕާ މެދުވެރިކޮށެވެ.
މިއަދު ގެނައި ބަދަލާއެކު ފިޒިއޯ ތެރަޕީއާއި، ބިހޭވެރިއަލް ތެރަޕީއާއި، ސްޕީޗް ތެރަޕީ ފަދަ އެކި ތެރަޕީތަކަށް އާސަންދައިން ކަވަރޭޖު ލިބޭނެއެވެ. އެހެންކަމުން ތެރަޕީ ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން އާސަންދައިގަ ރަޖިސްޓްރީކުރެވިފައިވާ ހުރިހާ މަރުކަޒެއް މެދުވެރިކޮށް އާސަންދައިން ކަވަރޭޖު ލިބޭނެއެވެ.
މިއީ އާސަންދައިގެ ތެރެއިން މިފަދަ ހިދުމަތްތައް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. އާސަންދައިގެ ތެރެއިން ތެރަޕީއަށް ކަވަރޭޖު ނުލިބޭތީ ގިނަ ބަޔަކު ޝަކުވާކުރަމުންދިޔައެވެ. ހާއްސަކޮށް އޮޓިޒަމްއާއި އެނޫންވެސް އެފަދަ މައްސަލަތަކަށް ފަރުވާ ހޯދާ ކުދިންނަށް ބޭނުންވާ ތެރަޕީތައް ނުލިބޭތީއެވެ.
މިއަދު ގެނައި ބަދަލާއެކު މިހާރު މިފަދަ އާއިލާތަކަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ. އަދި ތެރަޕީ ބޭނުންވާ ފަރާތްތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ.