ENGLISH
30 ޑިސެމްބަރު 2025
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ގޯތި
30 ޑިސެމްބަރު 2025
|
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ހިމަނައިފި އެވެ.
ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިރޭ ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށްފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. އުސޫލުގައި ބުނަނީ ކެޓަގަރީ އެކަކުން މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ ދެއަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
އެގޮތުން ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ އުސޫލުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ވަނީ ހިމަނާފަ އެވެ. ދެން ހިމެނެނީ މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ މީހުންްނަށް 1,500 ގޯއްޗާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3,000 ގޯއްޗާއި މާލޭގެ ރަށްވެހިން 10,000 ގޯއްޗެކެވެ.
މާލޭރަށްވެހީންގެ ތެރެއިން އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7,000 ގޯތި އަދި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1,000 ގޯތި ހިމަނާފައިވެ އެވެ. ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2,000 ގޯތި ދޫކުރަން ވަނީ ހިމަނާފަ އެވެ.
ގޯތިތަކަށް ކުރިމަތިލާން އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ އެވެ.
ފްލެޓާއި ގޯތި ދިނުމުގައި މައިމުޅަވެފައިވާ މީހުން ޚާއްސަ ކެޓަގަރީއެއް އޮންނާނެ ކަމަށާ އެކަމުގައި އެއްވެސް ބަޔަކު ބާކީކޮށް ނިކަމެތި ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
މައިމުޅަވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. މި ގޮތް ދިމާވަނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓާ އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރީން ތިބުމުންނެވެ. މައިމުޅަވުމޭ ކިޔަނީ މި ގޮތް ދިމާވުމުން އަންހެން ދަރީގެ ދަރީން ކާފަ ނުވަތަ މާފަ ނުވަތަ މާމަ ނުވަތަ މުންނަގެ މުދަލުން މަޙްރޫމް ވާތީ އެވެ.