ENGLISH
29 ޑިސެމްބަރު 2025
އިސްރަށްވެހިންނަށް ޚާއްޞަ ޖާގަތަކެއް ހެދުމަށް 77 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފި: ވަޒީރު
29 ޑިސެމްބަރު 2025
|
ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އިސްރަށްވެހިންގެ ހަވީރުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އިޖުތިމާޢީ ވުޒާރާ
އަތޮޅުތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަ ޖާގަތަކެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި، މިހާތަނަށް 77 ރަށު ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގެ އާބާދީ ބަދަލުވެގެންދާގޮތުން 2030 ވަނަ އަހަރު އަންނައިރު، މިހާރު އޮތް އިސްރަށްވެހިންގެ އާބާދީ ދެގުނަވެގެންދާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވައި، އެ މަސައްކަތް ވަރަށް ކާމިޔާބުކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ޖަމިއްޔާތަކާއި އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތާއެކު، އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދެކޭ އެއްގޮތަށް އަތޮޅުތަކުގައި ވެސް އިސްރަށްވެހިންނަށް ޖާގަތައް ހެދުމުގެ މަސައްކަތް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ކަމަކީ ވަރަށް ބޮޑު ވިސްނުމެއް ކައުންސިލްތަކާއި އަތޮޅުގެ މިހާރު ހިންގުމުގައި ތިއްބަވާ ބޭފުޅުންގެ އެބައޮތްކަން. އެގޮތުން ގާތްގަނޑަކަށް 77 ކައުންސިލުން ޝައުގުވެރިކަން ފާޅުކުރައްވާފައި އޮތީ އެތަންތާނގައި ނާދީއެއް ފަދަ އިސްރަށްވެހިން އެއްވެލާނެ ތަނެއް ހެދުމަށް" - އިޖުތިމާޢީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ވަޒީރު ވިދާޅުވީ އަތޮޅުތެރޭގައި އިސްރަށްވެހިންނަށް ޚާއްޞާ ޖާގަތައް ޤާއިމުކުރުމުގެ އިތުރުން، ނާދީއެއް ހިންގޭނެ ތަންތަނުގައި ނާދީ އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންގެންދާ ކަމަށެވެ. އަދި، އުއްމީދަކީ މާލޭގެ ނާދީއިން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުން އަތޮޅުތަކުން ވެސް ލިބިގެންދިއުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެއާ އެކީގައި މިހާރު ޝައުގުވެރިކަން ފާޅުކުރައްވާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއް ތެރޭގައި (ހައެއްކަ މަސް ތެރޭގައި) ނާދީއެއް އުފެދިދާނެ ތަންތަނުގެ މީހުންނާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު ތަމްރީނުތަކެއް ހިންގިއްޖެ. މާލޭގައި ނާދީއެއް ހިންގާ ފަދައިން އެމޭރުމުން ހިންގުމަށްޓަކައި ކޮންކަހަލަ ކަންތައްތަކެއްތޯ އެމީހުން ދަސްކުރަންވީ" - ޑރ. ޢާއިޝަތު ޝިހާމް
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެ ވުޒާރާއާ ޙަވާލުވެވަޑައިގަތުމަށްފަހު ގެންނެވި އެއް ބަދަލަކީ، އާއްމުން ގުޅުމަށް 1433 ހޮޓްލައިން ގާއިމްކުރުމެވެ. އަދި، ކުޑަކުދިންގެ މައްސަލަތައް ހުށަހެޅުމަށް ޚާއްޞަކޮށްފައިވާ 1412 އާއި ބޮޑެތި މީހުންގެ މައްސަލަތައް ރިޕޯޓްކުރުމަށް 1421 އެ ވުޒާރާއިން އަންނަނީ ހިންގަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެ ވުޒާރާގެ މަސައްކަތް ބައްޓަންކުރަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް 17،000 އަށް ވުރެ ގިނަ ފޯންކޯލް ހޮޓްލައިން ނަންބަރުތަކަށް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެ ވުޒާރާގެ މަސައްކަތް ކާމިޔާބުވުމުގެ ސަބަބަކީ މާލެ އާއި އަތޮޅުތެރޭގެ މުވައްޒަފުން އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތް ކަމަށެވެ. އަދި، އެވުޒާރާގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަމަކީ ކާމިޔާބުވުމަށް ލިބޭ ހިތްވަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.