ENGLISH
27 ޑިސެމްބަރު 2025
ސްކޫލުތަކުގެ އާބާތުރަ ފިލުވުމަށް މި އަހަރު 70 މިލިއަން ހަރަދުވި، އާ ދިރާސީ އަހަރަށް 30 އިމާރާތެއް ނިމޭނެ
27 ޑިސެމްބަރު 2025
|
މި އަހަރު ސްކޫލުތަކުގެ އިމާރާތްތައް އާބާތުރަފިލުވުމަށް ސަރުކާރުން 70 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އަންނަ ޖަނަވަރީ މަހު ދިރާސީ އައު އަހަރު ފެށޭއިރަށް 30 އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ ކަމުގައި ތައުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގަައި ވަޒީރު ވިދާޅުވީ ކުރީގައި އެއްވެސް ސަރުކާރަކުން ނުދޭ މިންވަރުގެ އަހަންމިއްޔަތާއި އިސްކަންދީގެން މި ސަރުކާރުން ސްކޫލުތަކުގެ އިމާރާތްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ހަތަރު އަހަރު ފަހުން އަންނަ އަހަރުގެ ޖަނަވަރީގައި ދިރާސީ އަހަރު ފެށޭއިރު މި ސަރުކާރުން ކުރިއަށްގެންދިޔަ ތައުލީމީ ދާއިރާގެ ބިނާރު ތަރައްގީކުރުމުގެ މުހިއްމު ގިނަ މަޝްރޫއުތަކެއް ނިމި އައު އިމާރާތްތައް ބޭނުންކުރަން ފެށޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އާބާތުރަފިލުވުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު 30 މިލިއަން ރުފިޔާ އަދި ދެވަނަ އަހަރު 70 މިލިއަން ރުފިޔާ ސްކޫލުތަކުގެ އާބާތުރަފިލުވުމަށް ހަރަދުވެފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އަންނަ ދިރާސީ އަހަރަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުމަށް 20 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވާ ކަމަށާއި، ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުގެ ތެރެއިން 55 މިލިއަން ރފިޔާގެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މުޅިން އަލަށް 30 އިމާރާތެއް ބޭނުންކުރެވޭ މިންވަރަށް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"ފާރާއި، ފުރާޅާއި، ސީލިންއާ އެކިކަންކަން ކުރުމަށްޓަކައި މިހާރު ވަނީ އެލޮކޭޝަންކޮށް ނިންމާފައި. ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތައް އާބާތުރަ ފިލުވުމަށްޓަކައި މި ކުރިވަރަކަށް އެއްވެސް ސަރުކާރަކުން ނެތް މަސައްކަތްކޮށްފައި. މާނައެއް ނޫން އަދިވެސް މަރާމާތައް ޚަރަދުކުރަން ނުޖެހޭނެއޭ. އެއީ ދިގު މުއްދަތަކަށް މަރާމާތުނުކޮށް ދިޔާމާ ހުރި މަރާމާތުތައް އެބަހުރި. އަދިވެސް އެބަހުރި ބޮޑުކޮށް މަރާމާތު ކުރަންޖެހޭ ސްކޫލްތައް،" ވަޒީރު ވިދާޅުވިއެވެ.
ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުގައި ކުރަން ހުރި މަސައްކަތް ކުރުމަށް ބަޖެޓް ހަމަޖައްސާފައިވާއިރު، އަންނަ ދިރާސީ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "ޝަހީދު އަލީ" ސްކޫލް ހުޅުވާނެއެވެ. އެ ސްކޫލަށް ވެއްދުމަށްޓަކައި 1800 ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.