ENGLISH
26 ޑިސެމްބަރު 2025
ޗޮކޮލެޓު ސިރަޕު ފުޅިތަކެއްގައި އެތެރެކުރި 30 މިލިއަނަށްވުރެ އަގުހުރި ހަޝީޝް އޮއިލް އަތުލައިގަނެފި
25 ޑިސެމްބަރު 2025
|
ކަސްޓަމްސްއިން އަތުލައިގަތް ހަޝީޝް އޮއިލްތައް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަައި ރާއްޖެއަށް އެތެރެކުރަން އުޅުނު 30 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ހަޝީޝް އޮއިލް ފުޅިތަކެއް އަތުލައިގަނެފިއެވެ.
މީޑިޔާތަކަށް ކަސްޓަަމްސްއިން މައުލޫމާތު ދިން ގޮތުގައި އެ އިދާރާއިން ބަލައިފާސްކުރި ޝިޕްމެންޓެއްގައި ހުރި ޗޮކޮލެޓްް ސިރަޕު ފުޅިތަކެއް ސްކޭންކޮށް ބެލުމުން މަސްތުވާތަކެތިކަމަށް ޝައްކު އުފެދިގެން އެތަކެތި ލެބޯޓަރީއަށް ފޮނުވައި ތަހުލީލުކުރިއެވެ. މަސްތުވާތަކެތި ކަމުގައި ބެލެވިގެން އެތަކެތި ބަލައިފާސްކުރުމުން އެ ފުޅިތަކުގައި ހުރީ ހަޝީޝް އޮއިލްކަންވަނީ އެނގިފައެވެ.
އިތުރަށް އެ އިދާރާއިން ބުނީ އަތުލައިގަތް ހަޝީޝް އޮއިލްގެ ބަރުދަނުގައި 40 ކިލޯއަށްވުރެ އިތުރުވާނެ ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމުގައި ބެލެވޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މިތަކެތި އެތެރެކޮށްފައިވަނީ ޗޮކޮލެޓް ސިރަޕު ފުޅިތަކެއްގަައި ކަމަށްވާއިރު އެއިން ކޮންމެ ފުޅިއެއްގައި 1.10 މިލިމީޓަރާއި 1.40 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ހަޝީޝް އޮއިލް އެތެރެކޮށްފައިވެއެވެ. އެތަކެތި ޓެސްޓުކުރުމުގެ މަސައްކަތް ކަސްޓަމުން އަންނަނީ ކުރަމުންނެވެ.
އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ބޯޑަރު ބަލަަހައްޓާގެ އިދާރާގެ ގޮތުން ކަސްޓަމްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން އަދި ކޮރިއާ މެދުވެރިކޮށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަބަދުވެސް އަތުލައިގަނެއެވެ.