ENGLISH
17 ޑިސެމްބަރު 2025
ކުންފުނިތަކުގެ އެތެރޭގެ އޮޑިޓާއި ރިސްކް މެނޭޖުމެންޓު ފަންކްޝަން ރަނގަޅުކުރަން އަންގަައިފި
16 ޑިސެމްބަރު 2025
|
ޕީސީބީންވަނީ ކުންފުނިތަކަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އަންގައިފަ
ސަރުކާރު ހިއްސާވާ ކުންފުނިތަމުގެ އިންޓާނަލް އޮޑިޓާއި ރިސްކް މެނޭޖުމެންޓު އިތުރަށް ހަރުދަނާކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީން އަންގައިފިއެވެ.
ޕީ.ސީ.ބީ އިން ބުނީ، މިގޮތަށް ނިންމާފައިވަނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން 10 ޑިސެންބަރު 2025ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާއިން ކަމަށެވެ.
އެގޮތުން ބޯޑުން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ތެރޭގައި:
- ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި “Independent” ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށާއި، އެ ގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުން.
- އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި، އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށާއި، އަދި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައިވެސް، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް އެންގުން
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގައި މި ބޯޑާއި ހިއްސާ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ރިޕޯޓް، މި ބޯޑުގެ އިތުރުން ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް
- ހިއްސާކުރާގޮތަށް ގައިޑްލައިން އިސްލާހުކޮށްފައިވާތީ، މި ބަދަލާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓަރނަލް އޮޑިޓަށް، ޕްރިކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގުން.-
- ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާއި ގުޅޭ ލިޔެކިޔެންތައް، މި ބޯޑަށް ހިއްސާކުރާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް އެންގުން.
- މި ބޯޑުން ހިއްސާކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީ'ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާއި، އެ ގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލުގެނައުމަށް އެންގުން. (ބޮޑެތި ކުންފުނިތަކުގެ ބޯޑުގައި ރިސްކާއި ގުޅޭ ވަކި ކޮމިޓީއެއް، ހިއްސާދާރުގެ ހުއްދައާއި އެކު އެކުލަވާލެވިދާނެއެވެ.)
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެ ގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާއި ބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާރނަލް އޮޑިޓުން ހުށަހަޅައި، އިސްލާހުކުރަންޖެހޭ ކަންތައްތައްތަކާއި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް އެންގުން ހިމެނެއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ވަނީ، އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2026ގެ ކުރިން ނިންމުމަށް އަންގާފައެވެ. އަދި އިންޓާރނަލް އޮޑިޓް ހަރުދަނާކުރުމަށް "ޕްރޮއެކްޓިވް" ކޮށް ހިއްސާކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ކުންފުނީގެ ކަމާގުޅޭ އެހެނިހެން ޑިޕާޓްމަންޓްތަކަށް އެންގުމަށް ވެސް ކުންފުނިތަކަށް ވަނީ އަންގާފައެވެ.