ENGLISH
08 ޑިސެމްބަރު 2025
55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫން މަހަށް ނިމޭނެ: މިނިސްޓަރ
08 ޑިސެމްބަރު 2025
|
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކައުންސިލްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވިދާޅުވީ، ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
''ޖޫންގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާ ކައުންސިލުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ،'' މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.