ENGLISH
06 ޑިސެމްބަރު 2025
ރައީސްއަށް ހުރަސް އެޅޭގޮތަށް، އިދިކޮޅުން ކުރާ ޢަމަލުތަކުން ދޭހަވަނީ ޤައުމަށާއި ރައްޔިތުންނަށް ހެވެއް ނޭދޭކަން: ޝަކީލް
06 ޑިސެމްބަރު 2025
|
ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސްްކަތުގައި، އެ މަޤްޞަދަށް ހުރަސް އެޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ކުރާ ކަންކަމުން ދޭހަވަނީ އިދިކޮޅު ފަރާތްތަކުން ތިބީ ރައްޔިތުންނަށް ހެވެއް އެދިގެން ނޫންކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރައްވަނީ ހެޔޮ ނިޔަތުގައި، ސަރުކާރުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ސީދާ ރައްޔިތުންގެ ކިބައިން ދެނެގަނެ އެ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މާތް މަޤްސަދުގައި ކަމަށެވެ.
"ނަމަވެސް މިފަދަ މާތް މަޤްސަދެއްގައި ރައީސް ކުރައްވަމުން ގެންދަވާ ކަމަކަށް ހުރަސް އެޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ކުރާ ކަންކަމުން ދޭހަވަނީ އިދިކޮޅު ފަރާތްތަކުން ތިބީ މި ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫންކަން" - ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް
ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަޙައްދުގެ ރައްޔިތުންގެ ތެރެއިން ވިލިމާލެ، މަންޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި، މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާ ބައްދަލުވުންތަކުގައި، އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ސިޔާސީ މަޤްޞަދު ޙާޞިލްކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.
ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ރައްޔިތުން ބޭނުންވާ ކޮންމެ ޚިޔާލެއް ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާއި، އެމަނިކުފާނާމެދު ނުރުހޭ ފަރާތްތަކުގެ އަޑު އެއްސެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ވެރިންނާ ސުވާލުކޮށް، އިހުސާސްތައް ހިއްސާކުރުމަކީ ކުރިން ރައްޔިތުންނަށް ލިބިފައިވާ ފުރުސަތަކަށް ނުވާތީ، އެ ފުރުސަތު ލިބުމުން ހުރިހާ ރައްޔިތުންވެސް އެ ފުރުސަތުގެ ބޭނުންކުރަން ބޭނުންވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި ގާތުން މަސައްކަތްކުރެއްވުންކަން ފާހަގަކުރައްވަައި، އެމަނިކުފާނު ވިދާޅުވީ ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުން ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންގެންދަވާނެ ކަމަށެވެ.