ENGLISH

03 ޑިސެމްބަރު 2025

Advertisement

ދިވެހިން ވެދިން އެހީތެރިކަމުން ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަގުޅުން ފެނިގެންދިޔަ: ލަންކާގެ ރައީސް

03 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހިންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް ލިބުނު އެހީތެރިކަމުން، ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަގުޅުން ފެނިގެންދިޔަކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހިރާއްޖެއިން ލަންކާގެ ރައްޔިތުންނަށް ވެދިން ދީލަތި އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ލަންކާގެ ރައީސް ވިދާޅުވީ، "ސިލޯނާއެކު ދިވެހިން" ޓެލެތޯނުން ވެސް ދިވެހިރާއްޖެ އިން ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ތާއީދުކުރާނެކަން ޔަގީންވި ކަމަށެވެ. އަދި ރާއްޖެއިން ދެއްކެވި އެއްބައިވަންތަކަމަކީ، ދެ ގައުމުގެ ދެމެދު އޮންނަ ވަރުގަދަ ގުޅުން ރަމްޒުވެގެންދިޔަ ކަމެއް ކަމަށް ވިދާޅުވި އެވެ.

ލަންކާއަށް ކުރިމަތިވި އުނދަގޫ ޙާލަތާ ގުޅިގެން، ދިވެހި ސަރުކާރުން އެޤައުމަށް އެހީ ފޯރުކޮށްދޭނެކަން އިޢުލާނުކުރީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދުވަހު އާއްމުކުރި ބަޔާނުގައި ބުނީ ލަންކާއަށް އެހީވާން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެހީގެ ގޮތުގައި ލަންކާއަށް 50،000 ޑޮލަރު ޙަވާލުކުރިއިރު، 25،000 ކޭސް މަސްދަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.  އެ ފައިސާގެ ލިޔުން ޙަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްޢޫދު ޢިމާދުއެވެ. ފައިސާގެ ލިޔުމާ ލަންކާއިން ޙަވާލުވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާއެވެ. 

ސްރީ ލަންކާ އަށް އެހީވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނުން ވަނީ އަށްލައްކަ އަށް ވުރެ ގިނަ ޑޮލަރު ހޯދައިފަ އެވެ. 

ތޫފާން "ދީތުވާ" ގައި ލަންކާގެ 25 އަވަށަކަށް އަސަރުކޮށްފައިވާކަން އެޤައުމުން ވަނީ އިޢުލާނުކޮށްފައެވެ. ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި މިހާތަނަށް 474 މީހަކު މަރުވެފައިވާކަން އެޤައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައިވާއިރު 356 މީހަކު ގެއްލި، 1.58 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު